ޚަބަރު

އައްޑޫސިޓީގައި ފުރަތަމަ ފަހަރަށް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް މޭކްސިލޯ ފޭޝަލް ސާޖަރީއެއް ނުވަތަ، އަނގަމައްޗާއި، ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި އޮޕަރޭޝަން ކޮށްފައިވަނީ 33 އަހަރުގެ އަނެހެނެއް އެކްސިޑެންޓް ވެގެން ނެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ. މި އަންހެންމީހާ އޮޕަރޭޝަން ކޮށްފައިވަނީ، އެކްސިޑެންޓެއްގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.

އައިޖީއެމްއެޗްގެ އެހީގައި ކުރި މިއޮޕަރޭޝަނަކީ ފަސްގަޑި އިރުގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ފަހު އަންހެންމީހާގެ ހާލު ރަނގަޅު ކަމަށްވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އައިޖީއެމްއެޗާ ގުޅުނު، ރާއްޖޭގެ ފުރަތަމަ މެކްސިލޯ ފޭޝަލް ސާޖަން، ޑރ. ފަތުހުﷲ ސައީދެވެ. މި އޮޕަރޭޝަނުގައި އޭނާ އަށް އެހީތެރިވެދީފައިވަނީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ދަތުގެ ޑިޕާޓްމެންޓުގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އިމާދު މުސްތަފާއާއި، ޑރ. ސަޙާއެވެ.

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަނުންނަކީ، އަނގައާއި މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ޚާއްޞަ ޑޮކްޓަރުންނެވެ . އާންމު ގޮތެއްގައި މިފަދަ އޮޕަރޭޝަން ކުރަނީ އުފެދުމުގައި ދިމާވާ އައިބު ތަކާ ގުޅިގެންނާއި، އަނިޔާ ވެގެން ދިމާވާ އައިބުތަކާއި، ޓްރޯމާ ފަރުވާ އާއި، އަނގައިގެ ކެންސަރު ދެނެގަތުމާއި، ސާޖަރީ ކުރުމާއި ފޭޝަލް ކޮސްމެޓިކް ސާޖަރީ އާއި ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުމާއި އިމްޕްލާންޓް ލެއްވުމަށެވެ.