ޚަބަރު

މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވުމަށް ތައްޔާރުވަނީ


މާލޭ ހުކުރު މިސްކިތް އަންނަ ހަފްތާގައި ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. މި މަސައްކަތްކުރުމަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. ދެއަހަރު ދުވަހުގެ މި މަޝްރޫއެއްގެ ދަށުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތަށް މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް ނާއިލް ނަޝީދު ވިދާޅުވީ، މިސްކިތުން ކަތުރުފަނި ނައްތާލުމަށްޓަކާ ދޭންޖެހޭ ޓްރީޓްމަންޓްތައް ދީ ނިމިފައިވާކަމަށެވެ. އަދި މިސްކިތުގެ ކާޕެޓު ނަގައި، ކޮލެޓީ ރަނގަޅު ނެވިލޯނު އަޅާފައިވާކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ، މާލޭ ހުކުރު މިސްކިތް އަލުން ހުޅުވުމަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އިސްލާމީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ތަރިކައިގެ ދުވަހާގުޅުވައިގެން، އެ ދުވަސް ފާހަގަކުރުމަށް ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންކަމަށެވެ. އަދި އަންނަ ހަފްތާފައި ހުކުރު މިސްކިތް އަލުން ހުޅުވުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހަކީ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވޯލްޑް" ނުވަތަ އިސްލާމީ ދުނިޔޭގައި ފާހަގަކުރާ ތަރިކައިގެ ދުވަސް ކަމުގައި ކަނޑައަޅާފައިވަނީ 17 ޑިސެމްބަރު 2019 ގައި ތޫނިސްގައި ބޭއްވި އިސްލާމިކް ކޮންފަރެންސް އޮފް ކަލްޗަރަލް މިނިސްޓަރސްގެ 11 ވަނަ ބައްދަލުވުމުގައެވެ. މިއަހަރު ފާހަގަކުރާ އިސްލާމީ ދުނިޔޭގެ ފުރަތަމަ ތަރިކައިގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ހައްލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި، ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެއްވި މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ މަސައްކަތް ވަރަށް ފުރިހަމައަށް ފެނިގެންދާ ބިނާއެކެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެތަނަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ޔުނެސްކޯއާއި އިންޑިއާ ސަރުކާރާއި ގުޅިގެން ދަނީ ކުރަމުންނެވެ. މީގެކުރިން 1986ވަނަ އަހަރާއި 1987 ވަނަ އަހަރާ ދެމެދުވެސް އިންޑިއާއިން ހުކުރު މިސްކިތުގެ އާބާތުރަފިލުވާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ފާހަގަކުރައްވައެވެ.