ދުނިޔޭގެ ވިޔަފާރި

ކާރު އުފައްދާ ކުންފުނިތަކުން އެމެރިކާ ސަރުކާރާ ދެކޮޅަށް ކޯޓަށް!


ކާރު އުފެއްދުމަށް ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ތަކެތިން އިތުރު ޓެކްސްއެއް ނެގުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ބޮޑެތި ކުންފުނިތަކުން ކޯޓަށް ހިނގައްޖެއެވެ.

ޗައިނާއިން އެތެރެކުރާ މުދަލުން ކަސްޓަމްސް ޑިއުޓީގެ ގޮތުގައި އިތުރު ޓެކްސްއެއް ނެގުމަށް އެމެރިކާ ސަރުކާރުން ނިންމީ، ޗައިނާއާއެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިންނެވެ. ޗައިނާއިންވެސް ވަނީ މިފަދަ ޓެކްސްތަކެއް ތަޢާރަފްކޮށްފައެވެ.

ޗައިނާއިން އެތެރެކުރާ ތަކެތިން ޓެކްސް ނެގުމަށް ނިންމި ނިންމުމާ ދެކޮޅަށް ވޭތުވެދިޔަ ދުވަސްތަކުގައި ކާރު އުފައްދާ ގިނަ ކުންފުނިތަކަކުން ވަނީ ނިއު ޔޯކްގެ ކޯޓު އޮފް އިންޓަނޭޝަނަލް ޓްރޭޑްއަށް މައްސަލަތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ޓެސްލާ، މާސެޑީސް ބެންޒް، ވޯލްވޯ އަދި ފޯޑް ހިމެނެއެވެ.

މި ކުންފުނިތަކުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ބުނެފައިވަނީ އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނިތަކުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ގެއްލުންވާނޭކަމަށެވެ. އެގޮތުން ޗައިނާއިން އެތެރެކުރާ 500 ބިލިއަން ޑޮލަރުގެ މުދަލުގެ އަގަށް މީގެ ސަބަބުން އަސަރުކުރާނެކަމަށް މާސެޑީޒް ބެންޒް ކުންފުނިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ޓެސްލާއިން ހުށަހެޅި މައްސަލައިގައި ޓެކްސް އުވާލަން ގޮވާލާފައިވައިރު، މިހާތަނަށް ޓެކްސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަށްވެސް ޓެސްލާއިން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ..

އެމެރިކާއާއި ޗައިނާއާ ދެމެދު 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން ދެ ޤައުމުންވެސް ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާގައި ވިޔަފާރިކުރާ އެމެރިކާގެ ކުންފުނިތަކާމެދު ޗައިނާއިން އަމަލުކުރަނީ އިންސާފުވެރިކޮށެއް ނޫނެވެ. އަދި ޗައިނާގެ ކުންފުނިތަކުން ދަނީ އެމެރިކާ ކުންފުނިތަކުގެ ފިކުރީ މުދަލުން ވައްކަންކުރަމުންނެވެ. ޗައިނާއިން ބުނާގޮތުން އެމެރިކާއިން މަސައްކަތްކުރަނީ ޗައިނާއިން ހޯދާ އިޤްތިޞާދީ ކުރިއެރުންތަކަށް ހުރަސް އެޅުމަށެވެ.

ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މިއަހަރު ކުރީކޮޅު ދެ ޤައުމުންވެސް ވަނީ ވިޔަފާރިއާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. ނަމަވެސް މި އެއްބަސްވުމާއެކުވެސް ދެ ޤައުމުގެ މެދުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު، އިތުރު މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.