ދުނިޔޭގެ ވިޔަފާރި

އޮސްޓްރޭލިއާގެ ވެސްޓްޕެކް ބެންކަށް ބިލިއަނެއްހާ ޑޮލަރުގެ ޖޫރިމަނާއެއް


މަނީ ލޯންޑަރިންގ ހުއްޓުވުމާބެހޭ ޤާނޫނާ ޚިލާފުވެގެން އޮސްޓްރޭލިއާގެ ވެސްޓްޕެކް ބެންކު ބިލިއަނެއްހާ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަންޖެހިއްޖެއެވެ.

އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ ބޮޑު ބެންކު، ވެސްޓްޕެކް ބެންކުން 900 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މަނީ ލޯންޑްރިންގެ އަމަލުތަކަށް ފާރަވެރިވާ މުއައްސަސާ، އޮސްޓްރެކްއަށް ދައްކަންޖެހުނީ، ބެންކުން ހިންގާފައިވާ މުއާމަލާތްތަކަކާ ގުޅޭ ރިޕޯޓް ޤާނޫނުގައިވާ ގޮތުގެ މަތިން ހުށަހަޅާފައި ނުވާތީއެވެ.

އޮސްޓްރެކްއިން ބުނާގޮތުން ވެސްޓްޕެކް ބެންކުން ހިންގާފައިވާ 19 މިލިއަނަށްވުރެ ގިނަ ޓްރާންސެކްޝަނެއްގެ މަޢުލޫމާތު އެބެންކުން ހުށަހަޅާފައެއް ނުވެއެވެ. އަދި މީގެތެރެއިން ބައެއް ޓްރާންސެކްޝަންތަކަކީ ޤާނޫނާއި ޤަވާއިދާ ޙިލާފު އަމަލުތަކަކާ ގުޅޭ ޓްރާންސެކްޝަންތަކެއްކަމަށް މިފަދަ މައްސަލަތައް ބަލާ އޮސްޓްރޭލިއާގެ މުއައްސަސާ، އޮސްޓްރެކްއިން ބުނެއެވެ.

ވެސްޓްޕެކްއިން ދައްކަންޖެހޭ 900 މިލިއަން ޑޮލަރުގެ ޖޫރިމަނާއާ ގުޅޭގޮތުން ކޯޓުން ވަކި ގޮތެއް ނިންމަންޖެހޭއިރު، މިއީ ވިޔަފާރީގައި ހަރަކާތްތެރިވާ އޮސްޓްރޭލިއާގެ ކުންފުންޏަކަށް އަންނާނެ އެންމެ ބޮޑު ޖޫރިމަނާއެވެ. މީގެކުރިން 2018 ވަނަ އަހަރު ކޮމަންވެލްތު ބެންކް އޮފް އޮސްޓްރޭލިއާއިންވެސް ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލުތަކެއް ހިންގައިގެން ވަނީ 493 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ބެންކުން ހިންގި އަމަލުތަކާ ގުޅިގެން ވެސްޓްޕެކް ބެންކުގެ ކުރީގެ ސީއީއޯވެސް ވަނީ 2018 ވަނަ އަހަރު އިސްތިއުފާދީފައެވެ. އަދި މިހާރު ސީއީއޯގެ މަޤާމުގައި ހުންނެވި ޕީޓަރ ކިންގވަނީ ބެންކު ތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޢާފަށް އެދިފައެވެ. އަދި ބެންކު ތެރޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ނުވާނޭފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރައްވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ބެންކު ތެރޭގައި މަނީ ލޯންޑަރިންގ އަމަލުތަކެއް ހިންގާފައިވާއިރު، ދާދީފަހުން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބެންކެއްގެ ތެރޭގައި ހިނގާ މަނީ ލޯންޑަރިންގެ އަމަލުތަކާ ގުޅޭ ބޮޑު މައްސަލަތަކެއް ފެންމަތިވެފައެވެ.