ޚަބަރު

މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދަޢުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ ޕާކުކުރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއިއެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، މާލޭގައި ޕާކުކުރުމަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅުމާއި، އެކަމަށް ޚާއްޞަ ޢިމާރާތްތަކެއް ބިނާކުރުމާއި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މި މައްސަލަތައް ޙައްލުކުރުމުގައި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލު ނާއިބް ރައީސާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރުގެ އިތުރުން މާލެ ސިޓީގެ މޭޔަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.