ޚަބަރު

އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތާއެކު އެދެރަށުގެ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް


ހއ. އުލިގަމާއި، ހއ. އުތީމުގެ އައު އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން މަޢުލޫމާތު ދިން ގޮތުގައި ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މިހާރުވަނީ ނިމިފައެވެ. އަދި ހއ. އުތީމު އިންޖީނުގޭގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

މިދެރަށުގައިވެސް މިހާރު ބޭނުން ކުރަމުންދާ އިންޖީނުގޭ ހުންނަނީ މީހުން ދިރިއުޅޭ ސަރަހަދެއްގައި ކަމުން އާއްމުރައްޔިތުންނަން އިންޖީނުގޭގެ އަޑާއި ދުމުގެ އަސަރު ވަރަށް ބޮޑަށް ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށް އެރަށުގެ ކައުންސިލުންވަނީ ބުނެފައެވެ. އެހެންކަމުން މިމަޝްރޫޢުގެ ސަބަބުން މިދެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކަލުން ރައްޔިތުން ސަލާމަތްވުމުގެ އިތުރުން ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް އެދެރަށުގެ ކައުންސިލުން މަޢުލޫމާތުދެއެވެ. މިހާރު އާއު އިންޖީނުގޭ އަޅަނީ ކަނޑައެޅިފައިވާ ޚާއްސަޒޯނެއްގައި، މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުހިސާބެއްގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 13 ނޮވެމްބަރ 2019 ގައެވެ. ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 9 ފެބުރުއަރީ 2019 ގައެވެ.

އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.