ވިޔަފާރި

ފަތުރުވެރިންނަށް އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ގެސްޓްހައުސްތައް އަލުން ހުޅުވާއިރު ފަތުރުވެރިންނަށް ޙާއްސަ ކޯވިޑް19 އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރުމާއި ގުޅޭގޮތުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކާއިއެކު މަޝްވަރާކޮށްފިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާއިރު އިންޝުއަރެންސް ސްކީމްއާ ގުޅޭގޮތުން ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ދިވެހި އިންޝުއަރެންސް އަދި އެލައިޑް އިންޝުއަރެންސްއާއެކު މަޝްވަރާކޮށްފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ރައީސް މުޙައްމަދު އިމްތިޔާޒް ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާއިރު ގެސްޓުން ކޯވިޑް އިންޝުއަރެންސް ކުރެވިފައި އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ދެކޭކަމަށެވެ. އެހެންކަމުން އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރުމަށް އިންޝުއަރެންސް ކުންފުނިތަކާއިއެކު މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގެސްޓްހައުސްތައް ހުޅުވާލުމަށް ކަނޑައަޅާފައިވާ ގައިޑްލައިންގައިވާގޮތުން ފަތުރުވެރިއަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމުން ހުރިހާ ހަރަދެއްކުރަންޖެހެނީ ގެސްޓްހައުސްތަކުންނެވެ. އިމްތިޔާޒް ވިދާޅުވީ، ގެސްޓްހައުސްތަކަށް އެފަދަ ބޮޑު ޙަރަދެއް ކުރުމަކީ އުނދަގޫކަމަކަށްވާނެކަމަށެވެ.

"ގެސްޓްހައުސް އެސޯސިއޭޝަނުން ބޭނުންވަނީ ގެސްޓްމީހާ ބަލިވީމަ އެ ހަރަދުތައް އިންޝުއަރެންސްއިން ކަވަރ ކުރަން. އޭގައި އެއްގޮތަކީ ގެސްޓްމީހާ ނަގަންވީ އަހަރެމެން މިދޭ އިންޝުއަރެންސް ޕެކޭޖް. އަނެއްގޮތަކީ އިންޝުއަރެންސްއަށްދާ އަދަދު ރޫމްއަށް ނުވަތަ ކޮންމެވެސް ތަނަކަށް ލައިގެން ގެސްޓްހައުސްއިން އެ ޕެކޭޖް ނެގުން. މީގަ ދިމާވާ ގޮތަކީ ގެސްޓަކު ޕޮޒިޓިވްވާ ހިސާބުން އެމީހާ ޓްރާންސްފަރ ކުރަންޖެހެނީ ފެސިލިޓީއަކަށް އެއީވެސް ހަމަ ބޮޑު ހަރަދެއް. ދެން އެމީހަކާއި އެއްކޮށްތިބި އެންމެ ކަރަންޓީނުވާނެ. އެހުރިހައި ހަރަދަކީވެސް ގެސްޓްހައުސްއިން ކުރަންޖެހޭ ހަރަދުކަމަށް ކަނޑައަޅާފައި އެއޮތީ. އެވަރުގެ ޙަރަދުތައް ކުރެވޭނެ ކެޕޭސިޓީއެއް ގެސްޓްހައުސްތަކަކުނެތް." ގެސްޓްހައުސް އެސޯސިއޭޝަނުގެ ވަގުތީ ރައީސް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ، އިންޝުއަރެންސް ކުންފުނިތަކުގައި އެކަން ކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ. އިންޝުއަރެންސް ކުންފުނިތަކުގެ ވިސްނުން ހުރީ ހުރިހާ ކުންފުނިތައް ގުޅިގެން މިކަންކުރަންކަމަށެވެ. ނަމަވެސް މިކަން ފީޒިބަލް ވާނީ ގެސްޓްހައުސްތައް ހުޅުވުމަށް ނެރޭ ގައިޑްލައިންގައި މިކަން މަޖުބޫރުކަމެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތުމުންކަމަށް އިންޝުއަރެންސް ކުންފުނިތަކުން ބުނެފައިވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ގެސްޓްހައުސް އެސޯސިއޭޝަނުންވެސް ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން އިންޝުއަރެންސް ޕެކޭޖްގައި ބައިވެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް ކުންފުނިތަކުން ވަރަށް ރަނގަޅު ރޭޓުވެސް ދީފައެބަހުރި. އެކަމަކު އިންޝުއަރެންސް ކުންފުނިތަކުން ބުނަނީ ގެސްޓްހައުސް ހުޅުވުމަށް ނެރޭ ގައިޑްލައިންގައި ޓޫރިޒަމް މިނިސްޓްރީން އޭތި މެންޑޭޓަރީ އެއްޗަކަށް ހަދައިފިއްޔާއޭ އެމީހުންނަށް އޭތި ފީޒިބަލްވާނީ. އެހެންނޫނިއްޔާ ބައެއް ގެސްޓްހައުސްތަކުން ނަގާފައި އަނެއްބައި ގެސްޓްހައުސްތަކުން ނުނަގައިފިއްޔާވެސް އެމީހުންނަށް ފީޒިބަލް ނުވާނެ." އިމްތިޔާޒް ވިދާޅުވިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވީ، ރާއްޖެއިން ބޭރުން ޓޫރިސްޓުން އަންނަ އިރު ވަރަށް ގިނަ މީހުން އަންނަނީ ޓްރެވެލް އިންޝުއަރެންސް ނަގައިގެންކަމަށެވެ. ނަމަވެސް ޙާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރަން މަސައްކަތްކުރަނީ ފަތުރުވެރިން ނަގައިގެން އަންނަ ޓްރެވެލް އިންޝުއަރެންސްގައި ކޯވިޑް ނުހިމެނޭތީކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޯވިޑް19 އަށް ޙާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަންގެ އިތުރުން ބޯޓިން އެސޯސިއޭޝަނުންވެސް މީގެކުރިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.