އަންމަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެެވެ.
ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޯލިޝަންއަށް ނިސްބަތްވާ މެމްބަރުންނަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކުރެއެވެ. ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުންނާއި، ހ. ހުރަފައިން ލިބެން ހުންނާނެއެވެ.
* ޢާންމު މެމްބަރުން
* އަންހެން މެމްބަރު
* ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)
އިންތިޚާބުގެ މަޤާމުތަކަށް ވާދަކުރާ ފަރާތްތަކުން މިކަމަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހުގެ 18:00 ކަމަށް އެ ކޯލިޝަނުން މަޢުލޫމާތުދެއެވެ. މަޤާމްތަކަށް ކުރިމަތިލާ މީހުން ރަށްރަށުގައިނަމަ ފޯމް ހުށަހަޅާނީ ވަގުތީ އިންތިޚާބީ ކޮމިޓީއަށެވެ. މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުންގެތެރޭގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ދަފްތަރުގެ މީހުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ.
އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ރަށްތަކުގެ ސްޓިއަރިން ކޮމިޓީ އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
16 އޮކްޓޫބަރުގައި ބާއްވާ އިންތިޚާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް ބާއްވާ އިންތިޚާބަށްވާއިރު ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.