އަތޮޅުތައް

ފުނަދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފި


ށ. ފުނަދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.މި މަސައްކަތް ފަށްޓަވައިދެއްވީ ފުނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކޗރ ޑރ. މުޙައްމަދު މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމްއެވެ.ފުނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއަޅައިގެން އެރަށުގައި 3.3 ކިލޯމީޓަރުގެ 10 މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.މިމަޝްރޫޢު ޢިފްތާތުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން މަޝްރޫޢުތައް ޚާއްސަކުރައްވަނީ ހަމައެކަނި މާލެއަށް އެކަނި ނޫން ކަމަށާއި އެގޮތުން ފުނަދޫގައި ހެދޭ ޒަމާނީ މަގުތަކަކީ އަތޮޅުތައް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަވެގެންދާ ބިޔަ ބޮޑު މަޝްރޫޢެއް ކަމަށެވެ.ފުނަދޫގައި ހެދުމަށް ހަމަޖެހިފައިވާ ދިހަ މަގުގެ އިތުރަށް އެރަށު ބަނދަރު މަތީގެ މަގުތައްވެސް ތާރުއަޅައިގެން ހެދުމަށް މިމަޝްރޫޢު ތެރޭގައި ހިމެނުމަށް މިހާރު ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގުހެދުމުގެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ސާޅީސް ހަމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރގެ ވާހަކަފުޅުގައި ފުނަދޫގެ ތަރައްޤީއަށް ކުރަން ރާވާފައިވާ މަޝްރޫޢަތަކާ ގުޅޭ ގޮތުން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެރަށު އެއަރޕޯޓު ހެދުމަށް ބޭނުންވާ ތަފްސީލީ ޚަރަދު ހޯދުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އީއައިއޭ ހެދުމަށް ތައްޔާރުވަމުންދާ ކަން ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވީ، ފުނަދޫގެ ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ތަން ފެންނަމުންދާ ކަމަށާއި އަދި މިއަދު ފެށިގެންދިޔަ ބޮޑު މަޝްރޫއުގެ ސަބަބުން ފުނަދޫގެ ތަރައްޤީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ފުނަދޫގެ ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، ތިރީސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫ ސްކޫލް ތަރައްޤީކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫޢަށް އަލިއަޅުއްވާލެއްވިއެވެ.ފުނަދޫ މަގު ހެދުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާޤު ޙަލީމް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ޑިޒައިނަކަށް ކަމަށާއި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފުނަދޫއަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާޙީމް ވިދާޅުވީ، ފުނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ސަބަބުން ތަރައްޤީގެ ގޮތުން އެރަށަކީ ފާހަގަކޮށްލެވޭ ފަދަ ރަށަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.މި މަޝްރޫޢުގެ ދަށުން، މަގު ހެދުމުގެ އިތުރުން، މަގުތަކުގެ ޕޭވްމަންޓު ހެދުމާއި، ފެން ހިއްދާ ނިޒާމު ޤާއިމްކުރުމާއި، ކޭބަލް ޖަންގްޝަންތައް ޤާއިމްކުރުމުގެ އިތުރުން ކޭބަލް އެޅުމަށް ބޭނުންވާ ހޮޅިލުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢަށް 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.