ސިޔާސީ

ކޯވިޑް-19 : ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީ ބޭނުން - ރައީސް


ކޯވިޑް-19ގެ ޙާލަތު ބަދަލުކޮށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ.އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އދ.ގެ މެންބަރު ޤައުމަކަށްވުމުގެ ފުރުޞަތު ރާއްޖެފަދަ ކުޑަ ޤައުމަކަށް ލިބިގެންދިއުމަކީ ފަޚުރުވެރިވާކަމެއްކަމަށެވެ. އަދި އދ.ގެ މެންބަރު ޤައުމެއްގައިގޮތުގައި ރާއްޖޭން މި ހޭދަކުރި މުއްދަތުގެ ތެރޭގައި އެކި ދާއިރާތަކުން ކުރިއެރުންތައް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްޞީލުކޮށް، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ރާއްޖެއަށްވެސް ބަސްބުނުމުގެ ފުރުޞަތު އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެވީ ހިސާބުން ވަރަށް ބޮޑަށް ލިބިގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން މޫސުމީ ބަދަލުތަކާއި، ކައުންޓަރ-ޓެޓަރިޒަމާއި ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖޭން ވަރަށް ހަރަކާތްތެރިކަމާއެކު ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކާ އެއް ހަމައެއްގައި މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކުގައި ހައްޤުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އޭއޯސިސް ލީޑްކުރުމުގައާއި، ތިމާވެށީގެ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިންވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އޭއޯސިސް ލީޑްކުރުމުގައާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ބިންތިރި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ހުރި ނުރައްކާތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެންމެ އިސް ސަފުގައި ރާއްޖެއިން ދަނީ ވަކާލާތުކޮށް، އަޑުއުފުލަމުން. އަދި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، 1945 ގައި އދ.ވުޖޫދުވެގެން އައިތާކައިރީ އެންމެ އެދެވޭ ހެޔޮ ބަދަލުތަކެއް ފެނިގެންނުދިޔަނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ޞުލްޙައަށް މަސައްކަތްކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި އދ.އިން އެކުލަވާލާފައިވާ ޗާރޓަރުތަކާއި، އެކަންކަމުގެ އަސާސްތައް މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަސްލަޙަތު ޙިމާޔަތްކުރުމާއި، އިންސާނިއްޔަތުކަން ކުރިއެރުވުމުގައި އދ.އިން ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19އާއެކު މުޅި ދުނިޔެ ގުނަމުން މިދަނީ ފަހުގެ ޒަމާނެއްގައި ދުނިޔެ ދެކެފައިނުވާފަދަ އިންސާނީ ބޮޑު ކާރިޘާއެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މިއީ ޤައުމުތަކުގެ މެދުގައި އޮތްގުޅުން އިހުނަށްވުރެ ވަރުގަދަކޮށް، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާންވީ ވަގުތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް މިކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް އިޤްތިޞާދީ ޙާލަތު ބަދަލުކުރުމުގައި ބައިނަލްއަޤްވާމީ ޤައުމުތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއީ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތު. އިޤްތިޞާދީ ލޮޅުންތަކުން އަރައިގަނެ، ޢާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިކުރުމަށާއި، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މި ކުރާ މަސައްކަތުގައި ދުނިޔޭގެ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތާނގައިވެސް ދުނިޔެއަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ދިިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އދ.އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މަތީ ފަންތީގެ ބައްދަލުވުމުގައި ދުނިޔޭގެ 180 އަށްވުރެ ގިނަ ޤައުމުގެ ވެރިންން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދިވެހިރާއްޖެއިން އދ.ގެ މެންބަރަކަށް ވެފައިވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. އަދި އދ.ގެ މައި މަރުކަޒުގައި ދިވެހި ޤައުމީ ދިދަ ވިހުރުވޭން ފެށުނީ 12 އޮކުޓޫބަރު 1965 ގައެވެ. ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަކަށްވީތާ މިއަހަރަށް 55 އަހަރު ވަނީ ފުރިފައެވެ.