ޚަބަރު

ސްނޯކްލިންއަށް ދިޔަ ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ


ސްނޯކްލިންއަށް ދިޔަ އުމުރުން 24 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔައީ މާފަންނު ބޮއިލިންގ ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު ކަމަށެވެ.

އޭނާ ސްނޯކްލިންއަށް ގޮސްފައިވަނީ މިއަދު 11:00 ހާއިރު މާލޭ ވެސްޓް ޕާކް ސަރަޙައްދުން މޫދަށެވެ. އަދި އޭނާގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:36 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސަފްވާން މަރުވެފައި އޮއްވައި ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ޢާއްމު ޑައިވަރުންނަށެވެ. އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް މިހާރުވަނީ ގެންގޮސްފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.