ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޯވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޯވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް މިއަދު ހުޅުވާލައިފިއެވެ.
އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.
މިގޮތުން ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެކަމަށް "ކޯވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުން ބުނެއެވެ. އަދި ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަށްކަމަށާއި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައިކަމަށެވެ.
ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެކަމަށާއި ފޮޓޯތައް ހުންނަންވާނީ، JPG, JPEG ، PNG ފޯމެޓްގައެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. ވަނަވަނަ އަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ލައިކް އަދި ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއެވެ.
މި މުބާރާތުގައި 1 ވަނަ ވީޑިއޯއަށް 15000 ރުފިޔާ ހުށައަޅާފައިވާއިރު 2 ވަނަ އަަށް ދާ މީހަކަށް 10000 އަދި 3 ވަނަ އަށް ވަނީ 7000 ރުފިޔާ ހުށައަޅާފައެވެ.
1 ވަނަ ފޮޓޯ އަށް 10000 ރުފިޔާ ވަނީ ހުށައަޅާފައެވެ. އަދި 2 ވަނަ ފޮޓޯއަށް 5000 ރުފިޔާ، 3 ވަނަ ފޮޓޯ އަށް 3000 ރުފިޔާ ވަނީ ހުށައަޅާފައެވެ.
ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 30 ވާ ބުދަދުވަހުގެ އިރު އޮއްސި 6 އަށް ފޮނުވަން ވާނެއެވެ. ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.
ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޯވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުން ބުނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެ ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެކަމަށެވެ. މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރުއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.