ޚަބަރު

ކޮޗިން - ކުޅުދުއްފުށި ކާގޯފެރީ އާއިއެކު ވިޔަފާރިވެރިންގެ އުއްމީދުތައް ބޮޑު


އިންޑިއާއިގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު މިއަދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ މުޅި އުތުރަށްވެސް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ކަމަށާއި، ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެކަމުގެ ޔަގީންކަން ކަމުގައި، ކުޅުދުއްފުށީގެ ވިޔަފާރިވެރިން ބުނެފިއެވެ.

އެހެން ހުރިހާ ޚިދުމަތެކޭ އެއްގޮތަށް، ރާއްޖޭގެ މުޅި ވިޔަފާރި މަރުކަޒު ކުރެވިފައި ވަނީ މާލެއަށެވެ. ކާބޯތަކެތީގެ ބާވަތްތަކުން ފެށިގެން ކުދިންގެ ސުކޫލަށް ބޭނުންވާ އެއްޗެއްވެސް އަމިއްލަ ރަށުން ލިބޭނީ މަދުފަހަރަކުއެވެ. މިގޮތަށް ވިޔަފާރިތައް ވަކި ސަރަޙައްދަކަށް ޖަމާވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ބޭރުން އަންނަ ބޯޓުތައް ބަނދަރުކުރާ މައި ދޮރޯއްޓަށް މާލެ ސަރަޙައްދުގެ ބަނދަރު ވުމެވެ. ހުރިހާ ގޮތަކުން ބެލިއަސް ޚިދުމަތްތައް ހުރިގޮތުން، ރައްޔިތުންވަނީ މާލެއަށް ބަރޯސާވާން ޖެހިފައެވެ.

ނަމަވެސް އިންޑިއާއިގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު މިއަދު ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު ރައްޔިތުންނަށް މިވަނީ އުންމީދުތަކެއް އާވާން ފަށާފައެވެ. މާލެއަށް ރައްޔިތުން ބަރޯސާވުން ކުޑަކުރުމަކީ ސަރުކާރުގެ އެއް ޢަމާޒެވެ. އަދި ޚިދުމަތްތަކާއި، ވިޔަފާރިގެ ފުރުސަތުތައް ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ފަހިކޮށްދިނުމަށް އެކިގޮތްގޮތުންދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ކޮޗިންއާއި، ހދ.އަތޮޅު ކުޅުދުއްފުށްޓާއި ދެމެދު މި ފެށި ކާގޯ ފެރީގެ ޚިދުމަތަކީ މުޅި އުތުރަށް އޭގެ މަންފާކުރާނެ މަސައްކަތެކެވެ. މިއީ އެ ސަރަޙައްދުގެ ވިޔަފާރިވެރިންނާއި، އަދި އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުންމީދެކެވެ.

ކޮޗިން ފެރީގެ ޚިދުމަތާއި ގުޅޭގޮތުން ކުޅުއްދުފުށީގެ ބައެއް ވިޔަފާރިވެރިންނާ ވާހަކަދައްކާލީމެވެ. އެ ސަރަޙައްދަށް މިހާރު ގެންދާ ހުރިހާ މުދަލަކީވެސް ރާއްޖެއިން ބޭރުން އޯޑަރުކޮށް މާލެ ބަނދަރަށް ހުސްކުރާ މުދަލެވެ. އަދި މާލޭގެ ޕޯޓުގައި ނުވަތަ މާލޭގެ ކޮންމެވެސް ގުދަނެއްގައި ބެހެއްޓުމަށްފަހު ރަށާއި ހަމައަށް ގެންދެވޭ މުދަލެވެ. ކުޅުދުއްފުށީގެ މުދާ އުފުލާ ބޯޓުތައް މާލެއިން ކުޅުދުފުއްޓަށް އާއްމުކޮށް ހަފްތާއަކު ދެ ދަތުރު ބާއްވައެވެ. ނަމަވެސް އެންމެ އުތުރުން ހއ.ގެ ރަށްތަކަށް މުދާ ގެންދިއުމަށް ކުރަނީ އެންމެ ދަތުރެކެވެ.

"މާލޭގެ ފިހާރަތަކަށް ގުޅައިގެން ބޯޓަށް ތަކެތި ޑެލިވަރީ ކުރަނީ. ހަފްތާއަކު 2 ބޯޓުގެ މުދާ ކުޅުދުއްފުއްޓަށް ގެނޭ. ބައެއް ފަހަރު ގިނަ ބަޔަކު މުދާ ގެންނާތީ ބޯޓުގެ ޖާގައިގެ ދަތިކަން ދިމާވޭ. ޚާއްސަކޮށް ރޯދަމަހު ދަތިވޭ މުދާ ގެންނަން." ކުޅުދުއްފުށިން ޕީއެސްއެމްއާއި ވާހަކަދެއްކެވި ވިޔަފާރިވެރިއަކު ބުންޏެވެ.

ޕީއެސްއެމްއާއި ވާހަކަދެއްކި އިތުރު ވިޔަފާރިވެރިއަކު ބުނެފައިވަނީ ކޯވިޑް-19ގެ މި ދަނޑިވަޅާ ގުޅިގެންވެސް ގިނަ ގޮންޖެހުންތަކެއް ވިޔަފާރިތަކަށް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ވިޔަފާރިއަށް ބޭނުންވާ ތަކެތި ގެންދިއުމަށް ޤައުމުތަކަށް ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކާއި، ތަކެއްޗާއި ޑޮލަރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބުން ވިޔަފާރިތައް ހީނަރުވަމުންދާކަމަށެވެ. އަދި ފޮޓޯ ފޮނުވައިގެން ތަކެތި ގަނެ، ރަށާއި ހަމައަށް ލިބޭއިރު ބޭނުންވާ ބާވަތްނޫން އެހެން ބާވަތްތައް ލިބިފައި ހުންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިޔަފާރީގެ ގޮތުން ޤައުމުތައް ގުޅާލެވޭނަމަ، ވިޔަފާރިތައް ފުޅާވެ ތަކެތީގެ އަގު ހެޔޮވެގެންދާނެކަމަށް ވިޔަފާރިވެރިން ޤަބޫލުކުރެއެވެ. ނަމަވެސް މިއީ މި މަސައްކަތް ފެށުމަށް އެންމެ މުނާސަބު ވަގުތު ނޫންކަމަށާއި، ނަމަވެސް ދާއިމީ ގޮތެއްގައި މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދެވިއްޖެނަމަ، އޭގެ މަންފާ ވިޔަފާރިތަކަށާއި އާއްމުންނަށްވެސް ވަރަށް ބޮޑަށް ކުރާނެކަމަށް ވިޔަފާރިވެރިޔަކު ބުންޏެވެ.

"އެއަރޕޯޓާއި އެއްގޮތަށް މިވެސް އަޅުގަނޑުމެން ވަރަށް ބޭނުންވެފައި ތިބި ކަމެއް. ނަމަވެސް މިއީ މިކަން ފެށުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން. ވަޢުދެއް ފުއްދުމަށް ކުރާ މަސައްކަތެއްގެ ބަދަލުގައި ބޭނުންވަނީ މަންފާވާގޮތަށް ދާއިމީކޮށް މިކަން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން." ޕީއެސްއެމްއާއި ވާހަކަދެއްކި ވިޔަފާރިވެރިއާ ބުންޏެވެ.

މި މަސައްކަތުގެ ފުރިހަމަ މަންފާ ވިޔަފާރިތަކުން ފެންނާނީ ކޯވިޑްގެ މި ޙާލަތުން ލުޔެއް ލިބުމުންކަމަށް ވިޔަފާރިވެރިން ބުނެއެވެ. އޭރުން އުތުރުގެ ވިޔަފާރިވެރިން އިންޑިއާއަށްގޮސް، ބޭނުންވާ ތަކެތި ބެލުމަށްފަހު ގަތުމުން ރަނގަޅު މަންފާއެއް ހޯދޭނެކަން ވިޔަފާރިވެރިންވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އުފެއްދުން ބޭރުގެ މާކެޓްތަކަށް ތަޢާރަފްވެ ވިއްކުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް ފާހަގަކުރެއެވެ. އިންޑިއާއިން އާއްމުކޮށް ރާއްޖެއަށް އެތެރެކުރަނީ މޭވާއާއި، ތަރުކާރީއާއި، ކެއިންބުއިމަށް ބޭނުންވާ އެހެނިހެން ބާވަތްތަކާއި އަންނައުނުފަދަ ތަކެއްޗެވެ.

"އިންޑިއާއިން ތަކެތި ސީދާ ރަށަށް ގެނެވެންޏާ އަގު ހެޔޮވާނެ. ބޯޓަށް ދައްކާ ނާލު ކުޑަވާނެ. މާލޭގަވެއްޖެއްޔާ ފްރީޒަރެއްގައި ރައްކާކޮށް އެތައް ދުވަހެއް ފަހުން ލިބެނީ. ނަމަވެސް ޑައިރެކްޓްކޮށް ގެނެވެންޏާ ތާޒާކޮށް ތަކެތި ލިބޭނެ." ވިޔަފާރިވެރިއަކު ބުންޏެވެ.

ކުޅުދުއްފުއްޓަކީ މަޝްހޫރު ބޮޑެތި ވިޔަފާރިތައް މިވަގުތު ގިނަ ރަށެއް ނޫންނެވެ. ނަމަވެސް މި މަސައްކަތާއިއެކު އާ ވިޔަފާރިތައް އުތުރަށް އައިސް، ވަޒީފާގެ ގިނަ ފުރުސަތުތައް ހުޅުވުމަށްވެސް މަގުފަހިގެންދާނެކަމަށް ވިޔަފާރިވެރިން ދެކެއެވެ.

ކުޅުދުއްފުށީ ވިޔަފާރިވެރިން ބުނަނީ މިއީ ފެށުން ލަސްވެފައިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް ސަރުކާރުން އެދެނީ މި މަސައްކަތަކީ ނަމެއްގައި ކުރިއަށްގެންދާ ކަމެއްގެ ބަދަލުގައި، އެކަމުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް ފުރިހަމަ މަންފާއެއް ލިބޭނެގޮތަށް ކަންކަން ހަމަޖައްސައިދިނުމެވެ.

ކޮޗިންއިން ކުޅުދުއްފުއްޓަށް އަންނަ ފުރަތަމަ ކާގޯ ފެރީ އަންނާނީ މިމަހުގެ 26ވަނަ ދުވަހުއެވެ. މި ބޯޓު މާލެ ބަނދަރަށްވެސް ދަތުރުކުރާނެއެވެ.