ޚަބަރު

ހޯރަފުށީ އެއަރޕޯޓުގެ ޕަސިންޖަރ ޓަރމިނަލް އާއި ފަޔަރ ބިލްޑިންގެ މަސައްކަތް ފަށައިފި


ހއ.ހޯރަފުށީ އެއަރޕޯޓުގެ ޕަސިންޖަރ ޓަރމިނަލްއާއި ފަޔަރ ބިލްޑިން އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 13.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. މިމަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހޯރަފުށީ އެއާރޕޯޓުގެ އުމްރާނީ ތަރައްޤީގެ މަސައްކަތް މި އަހަރުގެ އޮކްޓޫބަރު މަހު މުޅިން ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ. ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭއާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުންވަނީ 84،2200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ ޖެހުމުގެ މަސައްކަތް މިއހަރުގެ މާޗްމަހު ނިންމާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.