ޚަބަރު

ކޯވިޑް-19 : ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 90 އަހަރުގެ މީހަކު ނިޔާވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ރޭ މެންދަމު 1:25 ގައި ނިޔާވީ މިމީހާއަކީ ޢުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްއީއޯސީން ހާމަކޮށްފައިވެއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 34ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 27 ދިވެއްސަކާއި 7 ބިދޭސީންނެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިއީ މިމަހުގެ މިހާތަނަށް ކޯވިޑުގައި ނިޔާވި 6 ވަނަ މީހާއެވެ. ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1424 އަށް އަރާފައިވާއިރު 686 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 107 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި 2 މީހަކަށާއި، ގއ.ވިލިނގިލީގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް 19 އަށް 9724 މީހަކުވަނީ ޕޮޒިވްވެފައެވެ. ބަލިން ރަނގަޅު ވެފައިވަނީ 8261 މީހުންނެވެ.