ޚަބަރު

މާލެ ދަފްތަރު ކެޓެގަރީން ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފި


މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، H-9 ކެޓަގަރީން ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އިޢުލާންކޮށްފިއެވެ.

ހިޔާ ފްލެޓަށް އެދި މާލެ ދަފްތަރު ކެޓަގަރީއަށް 2800 މީހުންވަނީ ފޯމް ހުށައަޅާފައެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އަލުން ދިރާސާކުރުމަށްފަހު މިހާރު އިޢުލާންކޮށްފައިވާ "މާލެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ"ގެ ވަގުތީ ލިސްޓުގައިވަނީ، ޝަރުތު ހަމަވި ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓާއި ލިބިފައިވާ ޕޮއިންޓުގެ ތަފްސީލުވެސް އާއްމުކޮށްފައެވެ.

މި ކެޓަގަރީއިން 1044 ފްލެޓް ދޫކުރުމަށްވަނީ ކަނޑައަޅާފައެވެ. ފެލެޓަށް އެދި މި ކެޓަގަރީއިން 2800 މީހުން ފޯމް ހުށައެޅިއިރު 2775 މީހުން ޝަރުތު ހަމަވެއެވެ. ނަމަވެސް އަލުން ލިސްޓް ރިވިއުކުރިއިރު 2 ފަރާތަކަށް 3 ފަހަރުމަތިން، ގުޅަން މަސައްކަތްކޮށްގެންވެސް ނުގުޅުނުކަމަށް ލިސްޓްގައި މަޢުލޫމާތު ހިމަނާފައިއެވެ. މި 2 މީހުންނަށް މާކްސްދީފައިވަނީ ހުށައަޅާފައިވާ ލިޔެކިޔުމަށްބަލައިގެންނެވެ. އަދި އެ ދެ މީހުންނަށްވެސް ދިރިއުޅުމުގެ ޙާލަތަށް ބަލައި ދޭ މަރކްސް ދީފައެއް ނުވެއެވެ.

ހުށައަޅާފައިވާ ފޯމްތަކުން ޝަރުތުހަމަނުވާ މީހުންގެ ލިސްޓުގައި 25 މީހުން ހިމެނެއެވެ. މީގެތެރޭގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހެއްކަން އެނގެން ނެތުމާއި، ދަފުތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތެއްކަން އެނގެން ނެތް މީހުންވެސް ހިމެނެއެވެ. އަދި ވަރިވެފައިވީނަމަވެސް ދަރިން ނެތުމާއި، މީހާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް ފަރާތްތައްވެސް ހިމެނެއެވެ. މި މީހުންގެ ތަފްސީލްވެސް ލިސްޓުގައި ހިމަނާފައިވެއެވެ.

ފްލެޓް ކޮމިޓީއިން ލިސްޓް އާއްމުކޮށްފައިވަނީ "ހިޔާ" މަޝްރޫޢުގެދަށުން ފްލެޓަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް، ޕޮއިންޓް ދީފައިވަނީ އުސޫލާއި އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހުގައި ކަމަށްވެސް އެ ކޮމިޓީންވަނީ ވިދާޅުވެފައެވެ.

ކޮމިޓީންވަނީ H-9 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު 21 ސެޕްޓެމްބަރުން ފެށިގެން 4 އޮކްޓޫބަރަށް ހުޅުވާލާފައެވެ. އެގޮތުން hcp.presidency.gov.mv މެދުވެރިކޮށް ޝަކުވާ ހުށައެޅުމަށްވަނީ އެދިފައެވެ. ހިޔާ ފްލެޓްގެ ދާއިމީ ލިސްޓް އެކުލަވާލާނީ ވަގުތީ ލިސްތަށް ހުށައަޅާ ޝަކުވާތަކަށް ބެލުމަށް ފަހުއެވެ. H-9 ކެޓަގަރީއިން އާއްމުކުރި ވަގުތީ ލިސްޓްގެ ތަފްސީލް ގެޒެޓްގައިވަނީ އާއްމުކޮށްފައެވެ.