ކޯވިޑް 19 އާއިއެކު މުޅި ދުނިޔެ ބަންދުވެ ދަތުރު ފަތުރު ނުކުރެވޭ ހާލަތަށް ދިޔައިރުވެސް ދިވެހިންގެ އެކުވެރި ޤައުމުތަކުގެ ދޮރުތައް ދިވެހިންނަށް ބަންދު ނުވާނެކަމުގެ ފުރިހަމަ މިސާލު އިންޑިއާއިން ދައްކުވައި ދީފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން ދެއްވާ 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ކޯވިޑް 19ގެ ހާލަތަކީ، މުޅި ދުނިގެ ކުރަންޖެހުނު ވަރަށް ހިތްދަތި އުނދަގޫ ތަޖުރިބާއެއް ކަމަށެވެ. އެއްޤައުމު އަނެއް ޤައުމުގެ މެދުގައި ކުރަމުންދިޔަ ދަތުރުތައް ހުއްޓި މުދަލާއި ތަކެތި ފޯރުކޮށް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމުގައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާލަތުގައިވެސް ދިވެހިންގެ އެކުވެރި ޤައުމުތަކުން ދައްކުވައިދީފައި ވަނީ އެކުވެރިކަމާއި އަހުވަންތަކާއި އޮތް ބަދަހި ގުޅުން ކަމަށެވެ. ދިވެހިންނަށް ބޭނުންވި ކާބޯތަކެއްޗާއި، ބޭސްފަރުވާ އާއި އެނޫންތަކެތިވެސް އެއްވެސް ދަތިކަމެއް އުދަގުލެއް ނެތި ލިބިގެން ދިޔަކީ ރާއްޖެއާއި މެދު އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުންނާއި ސަރުކާރުތަކުގައި އޮންނަ ލޯބްތާއި އެކުވެރިކަން ރަމްޒުކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
"މުޅި ދުނިޔެ ބަންދު ކުރިޔަސް، މުޅިދުނުޔޭގެ ވައިގެ ބަނދަރު ހުއްޓުމަކަށް އަޔަސް ބޯޑަރުތައް ބަންދު ކުރިޔަސް އެޤައުމުތަކުން ދިވެހި ރާއްޖެއަށް ހުޅުވާލާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކައިދީފި. ދިވެހިންނަށް އެޤައުމުތަކުގެ ރައޔިތުންގެ ހިތުގައި އޮތް ލޯބި ބަންދު ނުކުރެވޭނެކަން އަންގައިދީފި. އިންޑިޔާއަކީ މިސާލު ދައްކައިން އަބަދުވެސް އެންމެ ގާތް އެކުވެރިޔާ" މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައި ވަނީ, ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާއި ގުޅިގެންނެވެ. 250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވިފަހުން ޤައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުވަނީ ތިން ބަހުން ވާހަކަފުޅު ދައްކަވާފައެވެ. ދިވެހި ބަހުންނާއި، ހިންދީ ބަހުންނާއި އިނގިރޭސިބަހުން މިނިސްޓަރ ދެއްކެވި ވާހަތަކުގައި އަލި އަޅުވާލާފައިވަނީ ކޯވިޑް19 ގެ ހާލަތުގައި އެކުވެރިކަމާއި ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.