ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13516އަށް އަރައިފި


ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 13516 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އަށްފަހު ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ބޯޑަރު ހުޅުވާލި ޖުލައިމަހާ އަޅާބަލާއިރު، އޮގަސްޓްމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 61 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 4458 ފަތުރުވެރިންނެވެ. މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެއީ 486 ފަތުރުވެރިންނެވެ. އެންމެ މަދުން ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ޖުމްލަ 122 ފަތުރުވެރިންނެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއިންނެވެ. އެއީ ޖުމްލަ 656 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެއީ 539 ފަތުރުވެރިންނެވެ. 502 ފަތުރުވެރިންނާއިއެކު 3 ވަނައިގައި އުޅެނީ އެމެރިކާއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައްވެސް ފަށާފައެވެ. އޭގެތެރޭގައި ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިން، އެއަރ އިންޑިއާ، އިންޑިގޯ އަދި އޭރޯފްލޮޓްއެވެ.