ވިޔަފާރި

ކޯވިޑްއާ ގުޅިގެން ބީއެމްއެލްއިން 369 ފަރާތަކަށް 524.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 524.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް 369 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ ޖުމްލަ 524.2 މިލިއަން ރުފިޔާއާއި 7.5 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 565 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 397 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި 17 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، 17 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

މިސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.

ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.