ދުނިޔޭގެ ވިޔަފާރި

ލަފާކުރިވަރަށްވުރެ ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ކުޑަވާނެ: އޯއީސީޑީ

ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހޭ މިންވަރު ކުރިން ލަފާކުރިވަރަށްވުރެ ކުޑަވާނެކަމަށް ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިޤްތިޞާދު ދިރާސާކޮށް މޮނީޓަރކުރާ ޖަމުޢިއްޔާއެއްކަމަށްވާ، އޮގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް، އޯއީސީޑީއިން ބުނެފިއެވެ.

ދުނިޔޭގެ އިޤްތިޞާދު މަޑުޖެހޭނެކަމަށް ކުރިން ލަފާކުރި ވަރަށް ދަށަށް ނުދާނެކަމަށް އޯއީސީޑީން ލަފާކުރީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުކަމުގައިވާ އެމެރިކާއާއި ޗައިނާގެ އިޤްތިޞާދު ރަނގަޅުވަމުން އަންނާތީކަމަށް ޚަބަރުތައް ބުނެއެވެ.

ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިޤްތިޞާދު ދިރާސާކޮށް މޮނީޓަރކުރާ ޖަމުޢިއްޔާއެއްކަމަށްވާ އޯއީސީޑީއިން ވަނީ ކޯވިޑް-19ގެ ސަބަބުން ގިނަ އިޤްތިޞާދުތައް ހުއްޓި، ފުރަބަންދުގެ ދިގު މުއްދަތެއް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ކަޑައްތުކުރަން ޖެހުމުން ދުނިޔޭގެ އިޤްތިޞާދު މިއަހަރު 6 އިންސައްތަ އަޑިއަޅާލާނެކަމަށް ޖޫންމަހު ލަފާކޮށްފައެވެ. އެހެންނަމަވެސް، ދާދިފަހުން މި ޖަމުޢިއްޔާއިން މިވަނީ ކޯވިޑްގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދަށްކުރާނެ އަސަރު ލަފާކުރިވަރަށްވުރެ ކުޑަވެ، އިޤްތިޞާދް ކުރިއަރާނެކަމަށް ކުރިން ލަފާކުރި ވަރަށްވުރެ ބާރަށް އިޤްތިޞާދު ކުރިއަރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެންމެ ފަހުގެ އަންދާޒާއަށް ބަލާއިރު ދުނިޔޭގެ އިޤްތިޞާދު މިއަހަރު މަޑުޖެހޭނީ 4.5 އިންސައްތައިންކަމަށް އޯއީސީޑީން ބުނެއެވެ. މިއީ ކުރިން ލަފާކުރި ގެއްލުމަށްވުރެ 1.5 އިންސައްތަ ކުޑަ ގެއްލުމެކެވެ.

އެ ޖަމުޢިއްޔާއިން ވަނީ އަންނަ އަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ބެލޭވޭ މިންވަރުވެސް ހާމަކޮށްފައެވެ. އޯއީސީޑީން ވަނީ މިހާރު އޮތް މިންވަރަށްވުރެ އިތުރަށް ބަލި ނުފެތުރި ބަލި ކޮންޓްރޯލްކުރެއްވިއްޖެނަމަ އަންނަހަރު ދުނިޔޭގެ އިޤްތިޞާދު 5 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. މިއީ ޖޫން މަހު އެ ޖަމުޢިއްޔާއިން ލަފާކުރި 5.2 އިންސައްތައިގެ ކުރިއެރުމަށްވުރެ ދަށް މިންވަރެކެވެ. އެހެންނަމަވެސް، އަންނަ އަހަރު ބަލީގެ އިތުރު ރާޅެއް އައިސް ނުވަތަ ފުރަބަންދުކުރުން އިތުރުވެއްޖެނަމަ، އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރު 2 އިންސައްތައާއި 3 އިންސައްތައިގެ އަޑިއަޅާލުމެއް ފެނުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ބުނެފައެވެ.

އަންނަ އަހަރުގެ ތެރޭގައި ގިނަ ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ އިޤްތިޞާދީ މަސައްކަތްތައް ހަލުވިކުރުމަށް މަސައްކަތް ފެށޭނެކަމަށް އޯއީސީޑީން ލަފާކުރެއެވެ. އެ ޖަމުޢިއްޔާގެ އަންދާޒާތައް ހަދާފައިވަނީ ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ލިބޭނެކަމަށް ލަފާކޮށްފައެވެ. އަދި ކޯވިޑްއަށް ވެކްސިނެއް ލިބުމަށް ގިނަ ދުވަސްތަކެއް ނަގާނެތީ، ދަތުރުފަތުރުކުރުމުގެ ދާއިރާ އެންމެ އެކަށިގެންވާ ގޮތެއްގައި ކުރިއަރައިގެން ނުދާނެކަމަށްވެސް އޯއީސީޑީން ލަފާކުރެއެވެ.

އޯއީސީޑީއިން ވަނީ ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގެ ކުރިއެރުުންވެސް ވަޒަންކޮށްފައެވެ. އެގޮތުން ދުނިޔޭގެ އިޤްތިޞާދަށް ކުރިން ލަފާކުރިވަރަށް ވުރެ ކުޑަ އަސަރެއްކުރާނެކަމަށް ލަފާކުރީ މި ބަލިމަޑުކަމުން އެންމެ ބޮޑެތި އަސަރުތަކެއް ކުރި އަދި ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތައްކަމުގައިވާ އެމެރިކާއާއި ޗައިނާ އަދި ޔޫރަޕްގެ އިޤްތިޞާދު ރަނގަޅުވަމުން އަންނާތީކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އޯއީސީޑީއިން ބުނާގޮތުން މިއަހަރު އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މިހާތަނަށް އައިރު ބަލި ކޮންޓްރޯލްކުރެވިފައިނުވާ އިންޑިއާ، މެކްސިކޯ އަދި ސައުތު އެފްރިކާ ފަދަ ޤައުމުތަކަށެވެ.

އޯއީސީޑީއިން ވަނީ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަކީ ޖީ ޓުވެންޓީގެ ޤައުމުތަކުގެ ތެރެއިން މިއަހަރު އިޤްތިޞާދީ ކުރިއެރުން ހޯދާނެ ހަމައެކަނި ޤައުމުކަމަށް ލަފާކޮށްފައެވެ. އެގޮތުން ޗައިނާގެ އިޤްތިޞާދު 1.8 އިންސައްތަ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ކުރިން ޖޫން މަހު މި ޖަމުޢިއްޔާއިން ވަނީ ޗައިނާގެ އިޤްތިޞާދީ ދުވެލިވެސް މިއަހަރު 2.6 އިންސައްތައިން މަޑުޖެހޭނެކަމަށް ލަފާކޮށްފައެވެ. އެމެރިކާއަށް ބަލާލާއިރު، އެ ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހޭނެކަމަށް ލަފާކުރަނީ 3.8 އިންސައްތައެވެ. މިއީ ކުރިން ލަފާކުރި 7.3 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.