ދުނިޔެ

ސިންގަޕޫރުގެ ޢާއްމު އިންތިޚާބު ޕީއޭޕީ ކާމިޔާބުކުރުން


ސިންގަޕޫރުގެ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް އެކްޝަން ޕާޓީ ޕީއޭޕީ އިން އެގައުމުގެ ޢާއްމު އިންތިޚާބު ކާމިޔާބުކޮށްފިއެވެ. ޕީއޭޕީ އިން ވަނީ 69.9 އިން ސައްތަ ވޯޓު ކާމިޔާބުކޮށް، ގާނޫނު ހަދާ މަޖިލިހުގެ 89 ގޮނޑީގެ ތެރެއިން 83 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބޮޑު ވަޒީރު ލީ ސިއެން ލޫންގް މިއަދު ހެނދުނު ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ނަތީޖާއިން ސިންގަޕޫރު ރައްޔިތުންނަށް މުހިއްމުވާ ކަންތައް ފެނިގެންދިޔަ ކަމަށެވެ. އަދި، ސިންގަޕޫރުގެ ކުރިމަގަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ގުޅިގެން މަސައްކަތްކުރުން ކަމަށާއި ބައިބައިކުރުވަނިވި ސިޔާސީ ކޯޅުންތަކަށް އެ ގައުމުގައި ޖާގައެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސިންގަޕޫރަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ވެރިކަމަށް އިސްވީ ޕީއޭޕީއެވެ. މި އިންތިޚާބުގެ ކެމްޕޭނުގައި އެ ޕާޓީން ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އެޕާޓީގެ ވެރިކަމާއި ކުރީގެ ބޮޑުވަޒީރު ލީ ކްވާން ޔޫގެ ވެރިކަމުގެ ދަށުގައި ގައުމަށް ގެނެވުނު ތަރައްގީ ދައްކުވައިދީފައެވެ.