ޚަބަރު

ކްރޭން ވެއްޓުނު ޙާދިސާ ތަޙްޤީޤްކުރަން ފެށުން


މައްކާ އަށް ކުރި ވިއްސާރައިގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހި ވައިގަދަވެ ހިނގި ކްރޭން ވެއްޓުމުގެ ޙާދިސާ މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ. މައްކާގެ ހަރަމްފުޅުގެ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންކުރި ކްރޭން ވެއްޓުނު އިރު، އެތައް ހާސް ބަޔަކު ހަރަމްފުޅުގެ ތެރޭގައި ތިއްބެވެ. ހާދިސާ ހިނގުމުގެ ކުރިން މައްކާއަށް ބާރަށް ވައިޖެހުނު ކަމަށާއި އެއަށްފަހު ބޯކޮށް ވާރޭވެހުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.  ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސުލެއިމާން އަލް އަމްރު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބާރު ވައިގެ ސަބަބުން ކަމަށެވެ. ޙާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވަނީ ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި، ހައްޖު މިޝަނުން ހުރިހާ ދިވެހި ހައްޖާޖީންގެ ހާލުވެސް ބަލާފައިވާ ކަމަށެވެ. މިހާދިސާގައި އިންޑިޔާގެ ދެ ހައްޖާޖީން މަރުވެފައިވާކަމަށް އެ ޤައުމުގެ ޚާރިޖިއްޔާ އިން ބުނެފައިވެއެވެ. މީގެ އިތުރުން، 15 މީހަކަށް ފަރުވާދީފައިވާ ކަމަށްވެސް އިންޑިޔާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިކާސް ސުވަރުޕް ވިދާޅުވިއެވެ. ޕާކިސްތާނުގެ 14 މީހަކަށް އަނިޔާވެފައިވާ ކަމަށާއި މި މީހުންނަށް ފަރުވާދީފާއިވާކަމަށް އެގައުމުގެ ކޮންސަލް ޖެނެރަލް އަފްތާބް އަހްމަދް ޚޯކަރް ވަނީ ޔަގީންކޮށްދެއްވާފައެވެ. ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓުން ބުނާ ގޮތުގައި  ބަންގްލަދޭޝްގެ 25ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށާއި މީގެ ތެރެއިން ގިނަ މީހުންނަކީ އެ ސަރަހައްދުގައި މަސައްކަތްކުރަން ތިބި މީހުންކަމަށް ބެލެވޭ ކަމަށެވެ.  މަންޒަރުދުށް ފަރާތްތަކުން ބުނާ ގޮތުގައި ހާދިސާ ހިނގުމާއެކީ ސައުދީ ސަރުކާރުގެ އޮފިޝަލުން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި އިމަޖެންސީ ޚިދުމަތްތައް ދޭ ފަރާތްތައް ފިޔަވާ އިތުރު ބަޔަކަށް އެ ސަހަރައްދަށް ވަނުން މަނާކުރި ކަމަށެވެ. ނަމަވެސް، ހުރިހާ ނަމާދު ގަޑިތަކަށް ހަރަމްފުޅު ތެރެއަށް ވަދެވުނުކަމަށް ގިނަ ޙައްޖާޖީން ވަނީ ބުނެފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ގިނަ ބަޔަކު ވަނީ މައްކާއަށް ދަތުރުކޮށްފައެވެ. ހައްޖު މޫސުމަށް ހަރަމްފުޅުގައި ޖާގަ އިތުރުކުރުމަށް ސައުދީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގެފުޅު ވަށައި ޠަވާފް ކުރުމަށް 4 ފަންގިފިލާގެ އިމާރާތެއް ހެދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ނިމޭނެކަމަށް ސައުދީ ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. އަލަށް އިމާރާތް ކުރާ ބައިގައި 76 ހާސް އަކަފޫޓު ހުންނާނެކަމަށް ސައުދީ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ސުލްތާން އަލް ޤުރައިޝީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. ގެފުޅުގެ ހަރަމް ބޮޑުކުރުމަށް ސައުދީ ސަރުކާރުން އިއުލާން ކޮށްފައިވާ ޕްރޮޖެކްޓް "ކިންގް އަބްދުއްﷲ ބިން އަބްދުއްލް އަޒިޒް އެކްޕޭންޝަން ޕްރޮޖެކްޓް"ގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިމަޝްރޫޢުގެ މަސައްކަތް، ހައްޖު މޫސުމަށް މެދުކަނޑާލުމަށް ސައުދީ ސަރުކާރުން ރާވާފައިވެއެވެ. މި މަސައްކަތް މިމަހުގެ 9 ވަނަ ދުވަހަށް ނިންމާލުމަށް ތާވަލްކޮށްފައިވީ ނަމަވެސް، މަސައްކަތަށް ކުރިމަތިވި ލަސްތަކެއްގެ ސަބަބުން އިއްޔެ ހާދިސާ ހިނގުމާއި ހަމައަށް މަސައްކަތްކުރިއަށް ގޮސްފައިވެއެވެ. އަހަރަކު އެތަށް މިލިއަން މީހުން ހައްޖުގެ އަޅުކަންކުރުމަށް މައްކާއަށް ޖަމާވާއިރު، ގިނަ މީހުންނަށް ޠަވާފްކުރާ އިރާ، ޖަމްރާއަށް ހިލަ އުކާ އިރު، ތޮއްޖެހުމުގެ ސަބަބުން އެކިވަރުގެ އަނިޔާލިބެއެވެ.މައްކާގެ އަމީރު ޕްރިންސް ޚާލިދް ބިން އަލް ފައިސަލްވަނީ މިޙާދިސާ ތަޙްޤީޤް ކުރުމަށްޓަކައި ދެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.