އާއްމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެޗްޕީއޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުޞޫލާ ޚިލާފްވެ ކުށް ތަކުރާރުކުރި 4 ތަނެއް 1000 ރުފިޔާއިން ޖޫރިމާނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސަޢީދު ވިދާޅުވީ އާއްމު ޚިދުމަތް ދޭ ތަންތަނުނަ އެޗްޕީއޭގެ އުޞުލާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިހާތަނަށް ބެލި ތަންތަނުގެ ތެރެއިން ހުޅުވުމަށް ހުއްދަ ނުދޭ ތަނެއް ނުހުންނާނެކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞުލާ ޚިލާފުވި 4 ތަނެއް 1000 ރުފިޔާއިން ޖޫރިމަނާކޮށް 5 ދުވަހަށް ބަންދުކޮށް މުއްދަތު އިތުރުވެސް ކޮށްފައިވާކަމަށް ރަހުމާ ވިދާޅުވިއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ޝީޝާގެ ޚިދުމަތް ދިނުމަކީ މަނާކަމަކަށް ވާއިރު ބައެއް ތަންތަނުން އެ ޚިދުމަތްވެސް ފޯރުކޮށްދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ތަންތަން ބަލެމަށްފަހު ފިޔަވަޅު އަޅައި ކުށް ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރުމާއެކު ތަން ބަންދުކުރުމުގެ މުއްދަތުވެސް އިތުރުވަމުން އަންނަ ކަމަށް ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސަޢީދު ވިދާޅުވިއެވެ.
"ޚިދުމަތް ދޭން ބެނުންވާ ފާރާތްތައް އުޞޫލާ އެއްގޮތަށް ރަނގަޅުކުރުމަށް ފަހު އަންގާ. ޚިދުމަތް ދޭން ބޭނުންވާ މީހުން ވަރަށް އަވަހަށް ރަނގަޅު ކުރޭ" ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހްމާ ސަޢީދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާއްމު ޚިދުމަތްދޭ ތަންތަނުން އެޗްޕީއޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުޞޫލާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މިހާތަނަށް ވަނީ 3 އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި އުސޫލާ ޚިލާފުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައި ނުވިނަމަވެސް މިހާރު އެޗްޕީއޭިއން ވަނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާ ޖޫރިމާނާ ކުރުމަށްވެސް ނިންމާފައެވެ. އެގޮތުން އެންމެ ފަހުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި 2900 ތަނެއް ބަލައި 207 ތަނަކާމެދު ވަނީ ފިޔަވަޅު އަޅާފައެވެ.