ޚަބަރު

ކޯވިޑް-19 : 2900 ތަނެއް ބަލައި 207 ތަނަކާމެދު ފިޔަވަޅު އަޅައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޢާއްމު ޚިދުމަތްދޭ ތަންތަން މޮނީޓަރކުރުމަށް ކުރިއަށްގެންދިޔަ 3 ވަނަ އިންސްޕެކްޝަންގައި 2900 ތަނެއް ބަލައި 207 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޢާއްމު ޚިދުމަތްދޭ ތަންތަން ހިންގަމުން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 3 ވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 އިން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި މާލެއިން 2420 ތަނެއް ބަލައި 182 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި ހުޅުމާލެއިން 416 ތަނެއް ބަލައި 23 ތަނަކާމެދު ފިޔަވަޅު އަޅާފައިވާއިރު ވިލިމާލެއިން 64 ތަނެއް ބަލައި 2 ތަނަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންސްޕެކްޝަންގައި 2228 ފިހާރައެއް ބަލާފައިވާއިރު އޭގެ ތެރެއިން 93 ފިހާރައަކާއިމެދު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން 529 ތަނެއް ބަލާފައިވާއިރު 83 ތަނަކާމެދު ވަނީ ފިޔަވަޅު އަޅާފައެވެ. މި އިންސްޕެކްޝަންގައި 12 މާރުކޭޓެއްވެސް ބަލާފައިވާކަމަށް ނާޞިރު ވިދާޅުވިއެވެ.

މީގެ އިތުރުން 101 ސެލޫނެއް ބަލައި 31 ތަނަކާމެދު ފިޔަވަޅު އަޅާފައިވާިއރު 30 ޖިމްވެސް އިންސްޕެކްޝަންގައި ބަލާފައިވާކަމަށް އެޗްޕީއޭގެ ޑިރެކްޓަރ ނާޞިރު ވިދާޅުވިއެވެ.

ނާޞިރު ވިދާޅުވީ ފިޔަވަޅު އެޅި ތަންތަނުގެ ތެރެއިން 76 ފިހާރައަކާމެދު ފިޔަވަޅު އަޅާފައިވަނީ އެޗްޕީއޭއިން އެކުލަވާލި އުޞޫލުގައި، ފިހާރަ ތަކުގައި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މަޢުލޫމާތުތައް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި 28 ސެލޫނަކާމެދު ފިޔަވަޅުއަޅާފައިވަނީ ގޮގޮލްސް އާއި ފޭސް ޝީލް ނާޅައި ޚިދުމަތް ދެމުންދާތީ ކަމަށްވެސް ނާޞިރު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ 58 ތަނަކާމެދު ފިޔަވަޅު އަޅާފައިވަނީ މާސްކު އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލާއި ޚިލާފު ވުމުގެ ސަބަބުން ކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.

"މިހާރު 4 ވަނަ ބުރަށް ތައްޔާރުވަމުން މިދަނީ. މި ހުއްޓަނުލާ ކުރިއަށް ގެންދާނެ އިންސްޕެކްޝަނެއް. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައިވެސް ގައިދުރުކޮށް ތިބޭތޯ އެބަ ބަލަން. ގިނަ އަދަދެއްގެ ބަޔަކު އެއްވެ ސަރވިސް ލިބޭ ތަންތަން ގިނައިން ބަންދުކޮށްފައިވަނީ " އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާޞިރު ވިދާޅުވިއެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ފިޔަވަޅު އެޅުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ. މި އިންސްޕެކްޝަނާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މަޢޫލޫމާތު ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ ކާބޯތަކެތީގެ ޚިދުމަތް ދޭ ބައެއް ތަންތަނުން މަނާ ގަޑިތަކުގައި ބަންދު ބޯޑު އެޅުވުމަށްފަހު ޚިދުމަތް ދެމުން އަންނަކަންވެސް ފާހަަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތް ދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ރަޙުމާ ވިދާޅުވީ އިންސްޕެކްޝަން ޓީމްތައް އެންތަނަށް ދާއިރު އެވަގުތު ރަނގަޅަށް އަމަލުކުރި ނަމަވެސް އެ ޓީމްތައް އެތަނުން ދިއުމުން ބައެއް ތަންތަނުން އުސޫލާ ޚިލާފަށް ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ.

"ބޯ ކޮށައިދޭ ކުދި ކުދި ތަންތަނުންވެސް އިންސްޕެކްޝްން ޓީމްތައް ދާއިރު ހުރިހާ ކަމެއް ރަނގަޅަށް ކޮށްފައި ހުރޭ. ނަމަވެސް އަމަލީގޮތުން އެކަންތަކެއް ނުކުރޭ. މިފަދަ ތަންތަނަށްވެސް އޮންނަ އުޞޫލްގެ ދަށުން ބަންދުކުރަން. ސްޓިކަރ ޖެހިނަމަވެސް ބައެއް ފަހަރު އެއަށްވުރެ ގިނަ މީހުންވެސް ފިހާރަތަކަށްވެސް ވައްދައިގެން ޚިދުމަތް އެބަދޭ."ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސަޢީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލާ ޚިލާފަށް އާއްމު ޚިދުމަތްދޭ ތަންތަން ހިންގާނަމަ ޖޫރިމަނާ ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު އެފަދަ ތަންތަން 48 ގަޑިއިރަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރު ކުރާނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް އުޞޫލާ އެއްގޮތަށް އެތަނެއް އިސްލާހުކުރުމަށްފަހު ތަން ހުޅުވުމުގެ ހުއްދަދެނީ 3 ދުވަހަށް ފަހުއެވެ. އަދި ތިންވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް 5 ދުވަހަށް ތަން ބަންދުކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވަނީ ފުރަތަމަ އިންސްޕެކްޝަނަށްފަހު ޝަކުވާ އަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް އިތުރަށް އެތަނެއް އިންސްޕެކްޓު ކުރާއިރު އުސޫލާ ޚިލާފަށް ހިންގާކަން ފާހަގަކުރެވިއްޖެނަމަ އެތަނެއް ވެސް ފަސް ދުވަހަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި ޢާއްމު ޚިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ. އަދި އެތަންތަން އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދޭތޯ ބެލުމަށް އިންސްޕެކްޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.