ޚަބަރު

ފްރޮންޓްލައިން އޮފިސަރުންނާއި މެދު ދެކޭ ނުރަނގަޅު ނަޒަރުން ކުރުވި ފުންއަސަރު


ކޯވިޑް-19އާއި ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާއަކީ މިބަލިމަޑުކަމާއި ކުރިމަތިލީއްސުރެ އަޑުއިވޭ ވާހަކަތަކެކެވެ. މިމަސައްކަތުގެ ތެރެއިން ހިތްހަލާކުވާފަދަ ކަންކަމާއި ކުރީސަފުގައި ޙަރަކާތްތެރިވަމުން އަންނަ ފަރާތްތައް އަންނަނީ ކުރިމަތިލަމުންނެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިކަން ހުއްޓަން އެބަޖެހެއެވެ.

މިފަހަރުވެސް މިއޮތީ އެފަދަ ހިތްދަތި ވާހަކައެކެވެ. މިއީ މިމަހުގެ ތެރޭގައި މިގޮތަށް ހިނގާފައިވާ އިތުރު ޙާދިސާއެކެވެ. ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ ފުލުސް އޮފިސަރަކަށް ދިމާވި ހިތްދަތި ޙާދިސާއެކެވެ. ފުލުސް އޮފިސަރު ސޯޝަލް މީޑިއާއަށް ދޫކޮށްލީ އަސަރު ގަދަ މެސެޖަކާއި އިލްތިމާސެކެވެ.

އޭނާއަށް ކުރެއްވުނު ތަޖުރިބާ އާއި ކުރެވުނު ހިތްދަތި އިހްސާސްތައް ހާމަކުރީވެސް އެފަދަ ކަންކަމާއި މެދު މީހުން ހޭލުންތެރި ކުރުމަށެވެ.

ފުލުސް އޮފިސަރު އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓް --

ފުލުހުންގެ އޮފިސަރު، ފާހަގަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް އެދުމުން އޭގެތެރެއިން އެކަކު އެންގީ، އެމީހުންނާއި ދުރަށް ދިޔުމަށެވެ.

އޭނާގެ އެވާހަކަ ބުނިގޮތާއި ރާގުން މަގުމަތީގައި ސާމްޕަލް ނެގުންފަދަ މަސައްކަތްކުރުމަށް ޕީޕީއީގައި ހަތަރުދަމު ހޭދަކުރާ މީހުންނަކީ ބަލި ހުންނާނެ މީހުންގެ ގޮތުގައި އަދި ނަޖިހެއްގެ ގޮތުގައި ސިފަކުރާކަމުގެ އިހްސާސް އެ އޮފިސަރަށް ކުރެވުނެވެ.

އެހެންނަމަވެސް ދެންވެސް ހިނިތުންވުމާއެކު މަޑުމައިތިރި ކަމާއިއެކު ފުލުހުންގެ އޮފިސަރު ވަނީ އޭނާއަށް ހާލަތުވެސް ބުނެ ދެއްވާފައެވެ. އެގޮތުން އެފަދަ ގޮތަކަށް މިދަނޑިވަޅުގައި މިނުރައްކަލާ ކުރިމަތިލަމުންދާ ފަރާތްތަކާ މުޚާތަބު ނުކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މަގުމަތީގައި މިމަސައްކަތުގައި ޙަރަކާތްތެރިވާ ގިނަ ކުދިންނަކީ ވަރަށް އުމުރުން ހަގު ކުދިންތަކެއްކަން ބުނެދެއްވާ އެކުދިންގެ ހިތްތަކަށް ނުތަނަވަސްކަން ލިބޭ އެފަދަ ބަހުރުވަބޭނުންކުރުމަށްވެސް ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި ސަރުކާރަށް ނުވަތަ ވަކި މުވައްސަސާއަކަށް އޮންނަ ހިތްބަރުކަމަކާއި ޝަކުވާ އާއި ނުރުހުންތެރިކަން އެކުދިންނާއި ކުރިމަތިނުކުރުމަށްވެސް ވަނީ އެދިލެއްވިއެވެ.

ކޯވިޑް-19އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުން އަންނައިރު މިބައްޔާ ދެކޮޅަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވަނީ ސިއްޙީ ދާއިރާގެ ބޭފުޅުންނެވެ. އެބޭފުޅުންނާ އެއްސަފެއްގައި ބައްޔާ ދެކޮޅަށް އެތައް މުވައްސަސާއަކާއި އަމިއްލައަށް އެދިގެން ވޮލަންޓިއަރުންގެ ގޮތުގައި އެތައް ބަޔަކު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ކޯވިޑް-19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގައެވެ. ޕޮޒިޓިވްވާ މީހުންގެ ޚިދުމަތުގައެވެ. ކޮންޓެކްޓުވާ މީހުން ދެނެގަތުމުގައެވެ. ޢާއްމުނަށް ބޭނުންވާ ޚިދުމަތްތައް ގޭގައި ބައިތިއްބައިގެން ފޯރުކޮށް ދިނުމުގައެވެ. މަގުތަކުގެ އަމާންކަން ބެލެހެއްޓުމުގައެވެ. ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައެވެ. މިފަދަ ކަންކަމުގައި އުޅޭ މީހުންނާ މެދު އިހާނެތިކޮށް ކަންކުރުމަކީ ނުވަތަ އެފަދަ މޭރުމަކުން ވާހަކަދެއްކުމަކީ އެބޭފުޅުން ފުރާނައަށް ބެލުމެއް ނެތި އެކޮށްދެއްވާ ޤައުމީ ޚިދުމަތަށް ކުރެވޭ ބޭއިޚްތިރާމެކެވެ. އިންސާނިއްޔަތު ކަމުގެ ނަޒަރުން ބަލާއިރުވެސް އެއީ ދަށުދަރަޖައިގެ ޢަމަލެކެވެ.

ރެޕިޑް ރެސްޕޯންސް ޓީމުގައި މަސައްކަތް ކުރާ މީހުންނާއި ކައިރިވާން މީހުން ބިރުގަންނަނީ ރަނގަޅު މައުލޫމާތު ލިބިފައި ނުވާތީއެވެ. އެމީހުން އަމަލު ކުރާ އުސޫލުތަކާއި ގައިޑްލައިންތައް ރަނގަޅަށް ނޭނގޭތީއެވެ.

އާރްއާރްޓީމުގެ މެމްބަރުން ތިބެނީ މަތިމައްޗަށް އަންގިތައް ލައްވައިގެންނެވެ. ކޮންމެ މީހެއްގެ ސާމްޕަލްވެސް ނަގަނީ، ސާމްޕަލް ނެގޭ މީހާއަށް އެއްވެސް ނުރައްކަލެއް ނޯންނެގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައގެންނެވެ. އެހެންކަމުން ސާމްޕަލް ނަގަން އަންނަ މީހާއަކީ ބަލި ހިފައިގެން އަންނަ މީހެއްކަމުގައި ބަލައިގެން އިހާނެތި ބަސްބުނުމަކީ ދެރަކަމެކެވެ.

ސިއްހީ ޚިދުމަތްތެރީންނާއި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކުން މިދަތި އުނދަގޫކަމުގައި ހޭދަކުރާތާ 6 މަސް ދުވަސްވީއެވެ. މިހާލަތުން ސަލާމަތްވެ، ކުރީގެ ދިރިއުޅުމަށް އެނބުރި ދެވޭނެ ދުވަހެއް އަދިވެސް އޮތީ ހަމަ ނޭނގުމެއްގެ ތެރޭގައެވެ. ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ، ފްރޮންޓްލައިން އޮފިސަރުންނާއި ނުލައި މިހާލަތު ބަދަލު ނުކުރެވޭނެ ކަމެވެ. އަދި އެފަރާތްތަކުގެ މަސައްކަތްކަށް ހިއްވަރުދީ އެއްބާރުލުން ނުދެވޭނަމަ ހާލަތު މިއަށްވުރެވެސް ގޯސްވެދާނެ ކަމަށެވެ.

ޢައިޝް..

އާރް އާރް ޓީމް ގެ ހުރިހާ ކުދިންނަށް ތިޔަކުރާ ބުރަ މަސައްކަތަށް ފަށް ފަށުން ޝުކުރިއްޔާ