ޚަބަރު

ދިވެހި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅު - ޑރ. ޒިޔާދު


މައްކާގެ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދަށް ކްރޭނެއް ވެއްޓި ހިނގި ޙާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.  އިސްލާމިކް މިނިސްޓަރ ވިދާޅުވީ ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި، ހައްޖު މިޝަނުން ހުރިހާ ދިވެހި ޙައްޖާޖީންގެ ހާލުވެސް ބަލައިފައިވާ ކަމަށެވެ. މައްކާ އަށް ކުރި ވިއްސާރައިގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހި ވައިގަދަވެ، ހިނގި މި ޙާދިސާގައި މިހާތަނަށް 107 މީހަކު މަރުވެފައިވާ ކަމަށާއި 230އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ދިވެހި ހުރިހާ ހައްޖާޖީންވެސް ތިބީ ހެޔޮ ޙާލުގައި ކަމަށް  ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ.މައްކާ އަށް ކުރި ވިއްސާރައިގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހި ވައިގަދަވެ ހިނގި ކްރޭން ވެއްޓުމުގެ ޙާދިސާގައި މަރުވި މީހުންގެ ޢަދަދު ސަތޭކަ ހަތަކަށް އަރާފައިވާއިރު މަރުވި މީހުންގެ ތެރޭގައި އިންޑިޔާއާއި ބަންގްލަދޭޝްގެ ރައްޔިތުން ހިމެނޭކަމަށް މިހާތަނަށް ލިބިފައިވާ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އިންޑިޔާ، އީރާން ބަންގްލަދޭޝް އަދި  މެލޭޝިޔާ ގެ ރައްޔިތުން ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެތެރެއިން ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި ދެން ތިބި މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށް އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ޖަމާވެފައިވާ މިދަނޑިވަޅުގައި ހިނގި މިހާދިސާ ހިނގި އިރު މައްކާގެ ޙަރަމްފުޅުގެ ތެރޭގައި ޠަވާފްކުރުމަށް އެތައްހާސް މުސްލިމުން ތިބިކަމަށް ރިޕޯޓްތަކުން ހާމަކުރެއެވެ. ސައުދީއަށް މޫސުން ގޯސްވެ މައްކާއަށް ވަނީ ވެލީގެ ތޫފާނެއްގެ އަސަރުވެސް ކޮށްފައެވެ. ސައުދީ ސަރުކާރުން ޙަރަމްފުޅު ބޮޑުކުރުމަށް ހިންގާ މަޝްރޫޢަށް ފުރުސަތުދިނުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ޙައްޖާޖީންނަށްދޭން އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ކޯޓާވެސް މަދުކޮށްފައެވެ. ޙައްޖު މޫސުމުގައި އެޤައުމުން ކަނޑައަޅާ އުސޫލްތަކާ ޚިލާފަށް އެޤައުމަށް އެތެރެވާ މީހުން މަދުކުރުމަށްވެސް އެޤައުމުން ގިނަ ފިޔަވަޅުތަކެއް އަޅާ، ޙަރަމްފުޅުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް ސައުދީ ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވާ. މިގޮތުން ތޮއްޖެހުން ކުޑަކޮށް އެއްތަނުން އަނެއްތަނަށް ދިއުމަށް ފަސޭހަކުރުމުގެ ގޮތުން ދަތުރުފަތުރުގެ އެކި އިންތިޒާމްތައްވެސް ޙައްޖު މޫސުމާ ދިމާކޮށް އިތުރަށް ފުރިހަމަ ކުރުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.މިޙާދިސާއާ ގުޅިގެން މައްކާގެ އަމީރު ޕްރިންސް ޚާލިދު އަލް ފައިސަލްވަނީ މިޙާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާ މިޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ޙާދިސާ ހިނގާ ދިޔަ ގޮތުގެ ތަޙްޤީޤެއް ހިންގުމަށް ދެ ކޮމިޓީއެއް އެކުލަވާލައްވާފައިވެއެވެ. މި ހިތާމެރި ޙާދިސާއާއި ގުޅިގެން މިއަދު ހެނދުނު ނުވައަކުން އިރުއޮއްސި ހަޔަކާއި ހަމައަށް ދިރާގުގެ ކަސްޓަމަރުންނަށްވެސް ސައުދި އަރަބިއްޔާއަށް ހިލޭގުޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ދިރާގުންވެސް ވަނީ ހާމަކޮށްފައެވެ. ސަޢުދީ އަރައްބިއްޔާގައި މިވަގުތު ތިބި ދިވެހިންނަށް އުރީދޫ މެދުވެރިކޮށް އެފަރާތްތަކުގެ އާއިލާތަކަށް ހިލޭގުޅޭނެ ގުޅޭނެ އިންތިޒާމް ރޭ މެންދަމު ބާރައިން ތިނަކަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަނީ ހަމަޖައްސައިދީފައިވެއެވެ.