ވިޔަފާރި

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދުވަހުގެ އަދަދު އެވްރެޖްކޮށް އުޅެނީ 23ގައި

މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދުވަހުގެ އަދަދު އުޅެނީ 23 ގައިކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ދުވަހުގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރު އެވްރެޖްކޮށް ފަތުރުވެރިން 23 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވާއިރު މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 16.7 ދުވަސް އިތުރު އަދަދެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ދުވަހުގެ އަދަދު އިތުރުވިނަމަވެސް މި މުއްދަތުގައި ބެޑް ނައިޓްސް ވަނީ 60.2 އިންސައްތަ ދަށްވެފައެވެ. ބެޑް ނައިޓްސްއަކީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭންހުރި އެނދާއި އަޅާބަލާއިރު އެތަންތަނަށް ލިބިފައިވާ ބުކިންގެ އަދަދެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 402089 (ހަތަރުލައްކަ ދެހާސް އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 65.1 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 392،176 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި 9913 ފަތުރުވެރިން ރާއްޖެއައީ ކަނޑުމަގުންންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީ ވިލާތުންނެވެ. އެއީ ޖުމްލަ 45،169 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރުތައް ޖުލައިމަހުގެ 15 ވަނަ ދުވަހު އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީންނާއި އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.