ޚަބަރު

މިހާރު ހުޅުމާލެ ހޮސްޕިޓަލުން ދަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ


ދަތުރުވެރިންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި އަދި ބިދޭސީންނަށްވެސް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުން ދަތުރުވެރިންނަށް ޚާއްސަކޮށްގެން ޓެސްޓުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 20 ސާމްޕަލްއެވެ.

ޓެސްޓުހަދަން ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލް ނަންބަރު 1417އަށް ގުޅައި، މެމޯ ހެއްދުމުން ސާމްޕަލް މަގައި ޓެސްޓުހެދުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. ދަތުރުކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓްހަދަންޖެހެނީ ފުރުމުގެ ކުރިން ތިން ދުވަސް ތެރޭގައެވެ. ހުޅުމާލެ ހޮސްޕިޓަލުންވަނީ ދަތުރަށް ފުރުމުގެ 48ގަޑިއިރު ކުރިން ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް އެދިފައެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޓެސްޓް ހެދޭނި އައިޑީ ކަރޑް ނުވަތަ ޕާސްޕޯޓް ކޮޕީއާއި، ޓިކެޓް ނުވަތަ ރިސަވޭޝަން ސްލިޕް ހުށައެޅުމުންނެވެ. އަދި ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީއާއި ޓިކެޓް ނުވަތަ ރިޒަވޭޝަން ސްލިޕް ހުށައަޅަންޖެހޭނެއެވެ.

އަދި ރިސޯޓްތަކުން ޓުއަރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހުށައެޅުމުން، ސާމްޕަލް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނީ ހެނދުނު 13:30އިން 15:30އަށް ހޮސްޕިޓަލްގެ އީއާރް ގޭޓްގައި ހަދާފައިވާ ސާމްޕްލިންގ ބޫތުންނެވެ. ދިވެހިންނާއި ބިދޭސީންނަށްވެސް ޕީސީއާރް ޓެސްޓް ހަދައިދެނީ 1534ރުފިޔާއަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓު ހަދަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ހޮސްޕިޓަލްގައި މިހާރު ޓެސްޓުކުރެވެނީ ދުވާލަކު 200ސާމްޕަލެވެ. ކޯވިޑް-19އަށް ޓެސްޓުހެދުމުގެ ކަންކަމުގައި ހުޅުމާލެ ހޮސްޕިޓަލްގެ 7މުވައްޒަފުން މަސައްކަތްކުރެއެވެ.

މާލެ ސަރަޙައްދުގައި މިހާރު ކޯވިޑް-19އަށް ޓެސްޓް ހެދެނީ އައިޖީއެމްއެޗާއި އޭޑީކޭއާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލެބޯޓްރީގައިވެސް ކޯވިޑް-19އަށް ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.