ޚަބަރު

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓުތަކަށް 3000އަށްވުރެ ގިނަ ޝަކުވާ


"ހިޔާ" މަޝްރޫޢުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 3000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވެއްޖެއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އިޢުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް އެ ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތް މުރާޖަޢާ ކުރެއްވުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން 4 ކެޓެގަރީއެއްގެ ވަގުތީ ލިސްޓުތައް ނެރުއްވާފައިވަނީ 24 އޯގަސްޓް 2020 ގައެވެ. އެ 4 ކެޓެގަރީއަކީ (H04) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ، (H05) ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ، (H08) މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އަދި (H10) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީއެވެ. މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 14 ސެޕްޓެންބަރު 2020 ގެ ނިޔަލަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވީ، "ހިޔާ" މަޝްރޫޢުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާކަމަށެވެ.

މީގެތެރޭގައި ލިބިފައިވާ ޕޮއިންޓާއި ގުޅޭގޮތުން ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއިމެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއެއް ހިމެނޭކަމަށް އެ ކޮމެޓީން ވިދާޅުވެއެވެ. އަދި "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މަޢުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މަޢުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެއްވެސް ހިމެނޭކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވިދާޅުވެއެވެ.

މިހާރު އިޢުލާނު ކުރައްވާފައިވާ "ހިޔާ" މަޝްރޫޢުގެ 4 ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ. ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލުމުގައި އެ ޝަކުވާތަކަށް ރިޢާޔަތްކުރައްވާނެކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިސްޓް އާއްމުކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައި ވަނީ، (H4) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ 233 މީހުންނަށެވެ. އަދި (H5) ޓީޗަރުންނަށް ޚާއްސަ ކެޓަގަރީން 523 މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، (H8) މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީން 1772 މީހުންނަށް ފްލެޓް ލިބޭނެއެވެ.