ޚަބަރު

ސީޕްލޭން ޓާރމިނަލްގެ "އެގްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވީއައިއޭގެ އައު ސީޕްލޭން ޓާރމިނަލްގެ "އެގްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ފަށައިފިއެވެ.

ވީއައިއޭގެ ސީޕްލޭން ޓާރމިނަލްގެ "އެގްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 23 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން އެމްއޭސީއެލްއިންވަނީ އެދިފައެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން، ޓުއޯރ، ރިސޯޓު އޮޕަރޭޓަރަކަށް ވާންޖެހޭއިރު، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި މަސައްކަތަށް ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް 10 ހާސް އެމެރިކާ ޑޮލަރު ނުވަތަ އެއާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ދައްކަން ޖެހެއެވެ. ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" 2020 ސެޕްޓެންބަރު 28 ވާ އަންގާރަދުވަހުގެ ހެދުނު 11:00 ގައި ވީ.އައި.އޭގައި އޮންނާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

މިކަމަށް އެދި ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އޮކްޓޫބަރު 11 ވާ އާދިއްތަދުވަހުގެ ހެދުނު 11:00އެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 11 ވާ އާދިއްތަދުވަހުގެ ހެދުނު 11:00 ގައި، އެމްއޭސީއެލްގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އެމްއޭސީއެލްއިން ވިދާޅުވީ، ޕްރޮޖެކްޓް އެވޯޑްކުރާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެންމެ ފައިދާހުރި ބީލަން ހުށަހަޅާފައިވާ ފަރާތަކަށް ކަމަށެވެ.

އެމްއޭސީއެލްގެ ޓުވީޓް

ވީއައިއޭގެ ސީޕްލޭން ޓާރމިނަލްގެ "އެގްޒެކެޓިވް ލައުންޖު" ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ފަށައިފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތް ނިމުމަކާ ގާތަށް މިހާރު ވަނީ ގޮސްފައެވެ. އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ކުރިން ވިދާޅުވެފައިވީނަމަވެސް ކޯވިޑް-19ގެ ސަބަބުން އެއަރޕޯޓުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތު ސްޕީޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން މިހާރު އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ސީދާ ތާރީޚެއް އެމް.އޭ.ސީ.އެލުން ހާމަކޮށްފައެއްނުވެއެވެ.

އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޚާއްސަ ލޮބީތަކާއި ލައުންޖްތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޚާއްސަ ތަނެއްވެސް ހުންނާނެއެވެ. އަދި ސީޕްލޭންގެ އޮޕަރޭޝަންތަކަށް މިހާރު ބޭނުންކުރާ ޑޮކްތަކުގެ ޖާގަ 50 އިންސައްތަ އިތުރުވެ، އަށްޑިހައަށްވުރެ ގިނަ ސީޕްލޭނަށް އޮޕަރޭޓްކުރެވޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ.

ސީޕްލޭންގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ.