ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ސްކޫލެއް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3 ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ. ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3 ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާންގައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްލޭންއާއި އެއްގޮތައް ކޮންޓްރެކްޓަރ ފައިނޭންސްގެ ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަމުންދާކަމަށެވެ. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވިއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ސެޕްޓެންބަރު 2020 އިން  19 އޮކްޓޫބަރު 2020އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިވަޑައިގެންފައެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ ސްކޫލެއް އިމާރާތްކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 850 ހާސް ދިވެހި ރުފިޔާއިން ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅާފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3 ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަސާސީ ޚިދުމަތްތަކުގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި 4 ވަރަކަށް ސްކޫލް 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހައިލް އަހުމަދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން 1 ސްކޫލް ޑިޒައިންކޮށް ޓެންޑަރިންނަށް ލާފައިވާއިރު، ދެން އަޅާ ސްކޫލަކީ ބޭރު ފަރާތްތަކުން ތަރައްޤީކުރާ އިންޓަރނޭޝަނަލް ސްކޫލެއް ކަމަށް ސުޙައިލް ވިދާޅުވިއެވެ. މީގެ އިތުރުން މި ފިޔަވަހީގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ބިނާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރަން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިއުލާންކުރައްވަން ނިންމަވާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓުއަރިޒަމް އައިލެންޑާއި، ފަރުކޮޅުފުށީގައި ޓުއަރިޒަމް ޓްރެއިނިންގ ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާނެކަން ސުހައިލް ހާމަކުރެއްވިއެވެ.