ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ކޭސްއާއި ގުޅިގެން މަނަދޫއިން 63 ސާމްޕަލް ނަގައިފި


މަނަދޫއިން ޕޮޒިޓިވްވި މީހާގެ ކޭސްއާއި ގުޅިގެން އެރަށުން 64 ސާމްޕަލެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ނ.މަނަދޫއިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ފުރަބަންދު ކަރަންޓީންގައި ހުރި މީހެކެވެ. ނަމަވެސް އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ ސިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިންވަނީ ވިދާޅުވެފައެވެ. އެރަށުން އެމީހާ ފިޔަވައި އިތުރު މީހަކު އަދި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މަނަދޫގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެރަށުގައި މިހާރު ކުރިއަށްދަނީ ހޯމް ކަރަންޓީންގައި ހުރި މީހާއާއި ބައްދަލުވި މީހުން ދެނެގަތުމާއި، އަދި ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތްކަމަށެވެ.

"މަނަދޫ ކޭސްއާއި ގުޅިގެން އެކްޓިވް ސަވައިލަންސްއިން 38 ސާމްޕަލެއް ޓެސްޓްކުރުމުގެ މަސައްކަތްދަނީ ކުރަމުން. އަދި 26 ކޮންޓެކްޓުން ފާހަގަވެފައިވާއިރު އެމީހުންގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މަނަދޫއިން މީގެކުރިންވެސް ހޯމް ކަރަންޓީންގައި ތިބި ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވެއެވެ.

މަނަދޫގެ އިތުރުން މިވަގުތު މޮނިޓަރިންގައި އޮތީ ގދ.ހޯނޑެއްދުއާއި އެރަށާއި ކޯސްވޭއަކުން ގުޅާލާފައިވާ މަޑަވެއްޔެވެ. ހޯނޑެއްދޫއިން ފެނުނު ކޭސްތަކާއި ގުޅިގެން މިހާރުވެސް ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިހާތަނަށް އެރަށުން 36 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

"ހޯނޑެއްދޫއިން ސާމްޕަލް ނަގައި މިހާރުވެސް އެބަ ޓެސްޓުކުރޭ. އަދި އަލާމާތްތައް ހުރި 7 މީހަކު ޓެސްޓުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ބައްޔާއި ގުޅިގެން އެރަށުގެ 64 ގެއެއްގައި ކަރަންޓީންގައި މީހުން އެބަތިބި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހޯނޑެއްދުއަކީ މިވަގުތު މާލެ ފިޔަވައި އެއް ރަށަކުން އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ރަށެވެ. އަތޮޅުތަކުގެ ރަށްތަކުގައި މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 72 މީހުން އެބަތިއްބެވެ.