ޚަބަރު

ދުވާފަރުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފި


ރ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މައްސައްކަތް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރަސްޓްރަކްޗަރގެ ފަރާތުން ސއޮިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ އާދަމް އާޒިމްއެވެ.

ދުވާފަރު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4960 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި، މަގުގައި ދުއްވޭ ގޮތަށް 17790 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމަށް ހަމަޖެހިފައިވެއެވެ. ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އާއި ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި މަޝްރޫޢުއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމަން ކަނޑައަޅާފައިވަނީ 300 ދުވަހުގެ ތެރޭގައެވެ.

ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ ބޮޑެތި މަގުތަކެއް ހިމެނޭހެން ވެހިކަލް ދުއްވުމަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާމީހުންނަށް ޚާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސަރވިސް ލައިން ކޭބަލްތަކަށް ޚާއްސަ ޖަންކްޝަން ބޮކްސްތައް ހެދުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދުވާފަރުގައި ޤާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެއެވެ.