ވިޔަފާރި

އޮގަސްޓްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %66 ދަށްވެއްޖެ

މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 66 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަދަދުވެސް ވަނީ ދަށްވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަކީ 297 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖުލައިމަހު މިއަދަދު ވަނީ 102 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެހެންކަމުން މިއީ 66 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހު 3.3 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް ނިމުނު އޮގަސްޓްމަހު ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 35 އިންސައްތައިގެ ދަށްވުމެކެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓްމަހު 256 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ނިމުނު އޮގަސްޓްމަހު އެކްސްޕޯޓްކޮށްފައި ވަނީ 251 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ.

ފާއިތުވި އޮގަސްޓްމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ ގެނެސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، އިންޑިއާ، ސިންގަޕޫރު، އޮމާން، އަދި ޔޫއޭއީއެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 42 އިންސައްތައިގެ މުދަލެވެ. މީގެއިތުރުން ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އަދި އިޓަލީއަށްވެސް ވަނީ ރާއްޖެއިން މުދާ އެކްސްޕޯޓްކޮށްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު މުދާ ހިފައިގެން ރާއްޖެއަށް 61 އުޅަނދެއް އެތެރެވެފައިވާއިރު މިއަހަރުގެ އޮގަސްޓްމަހު އެތެރެވެފައިވަނީ 146 އުޅަނދެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއިން 59 އުޅަނދެއް ފުރާފައިވާއިރު، މިއަހަރުގެ އޮގަސްޓްމަހު ފުރާފައިވަނީ 164 އުޅަނދެކެވެ.

މުދާ ކްލިއަރކުރުމަށް ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދުވެސް ފާއިތުވި އޮގަސްޓްމަހު ވަނީ ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދު 18039 ގައި އުޅޭއިރު، މިއަހަރު އޮގަސްޓްމަހު ޕްރޮސެސްކޮށްފައިވަނީ 9463 ޑިކްލެރޭޝަންކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.