ޚަބަރު

ހިރިލަންދޫ ހަނދޭކަލަ: އެނބުރޭ އުނދޯލީގެ އެނބުރިއައުން


ހިތްހަމަ ޖައްސާލައި އުފާކޮށްލަން އެންމެންވެސް ދާން ބޭނުންވާ ތަނަކީ ޕާކުތަކާއި ހިތް ފަސޭހަ މައިޒާންތަކެވެ. މިތަންތަނަކީ އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލާ ނުތަނަވަސްކަން ފިލުވާލުމަށް އެންމެ ރަނގަޅު އެއް މަގެވެ.

ރާއްޖޭގައި އެކި ރަށްތަކުގައި ގިނަ އަދަދެއްގެ ޕާކުތައް ހުރިއިރު މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ތ. ހިރިލަންދޫ ޕާކަށެވެ.

ތ. ހިރިލަންދޫ "ހަނދޭކަލަ" ޕާކްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރައްވަމުން، ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު ވިދާޅުވީ، މި ޕާކުއެޅުމަށް އެންމެ ފުރަތަމަ މިދިޔަ އަހަރު މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް، ދިމާވި އެކި މައްސަލަތަކާއި ގުޅިގެން ޕާކު އެޅުމުގެ އަމަލީ މަސައްކަތް ފެށުނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިކަމަށެވެ. ކޯވިޑްގެ ސަބަބުން މަސައްކަތް 2 މަސް ދުވަހަށް މަޑުޖެހުނު ނަމަވެސް، މިހާރު މި މަސައްކަތް އެއްކޮށް ނިންމާލައި ބޭނުންކުރަން ފަށާފައިވާކަމަށް ޖަލާލު ވިދާޅުވިއެވެ. މި މަސައްކަތުގައި ކައުންސިލުގެ މެމްބަރުންނާއި ރައްޔިތުން ހިލޭ ސާބަހަށް ކޮށްދިނުމުން މިކަމަށް ދިޔަ ޚަރަދު ވަރަށް ބޮޑުތަން ކުޑަވިކަމަށް ވިދާޅުވިއެވެ. އެގޮތުން މިލިއަނެއްހާ ރުފިޔާއިން ނިންމާލެވޭނެކަމަށް އަންދާޒާކުރި މި މަޝްރޫޢު 3 ލައްކަ ރުފިޔާ ޚަރަދުކޮށްގެން ވަނީ ނިންމާލާފައެވެ.

"އަސްލު މިކަމުގައި ލިބުނު ހިތްވަރަކީ މިނިސްޓަރ މަހްލޫފް ދެއްވި ޔަޤީންކަން. ކުޅޭތަކެތި ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައި" މުހައްމަދު ޖަލާލް ވިދާޅުވިއެވެ.


ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވިދާޅުވީ، މި ޕާކް ތަފާތުވެގެންދަނީ މި ޕާކަކީ އެހެން ޕާކްތަކާއި ޚިލާފަށް ކާނިވަލް ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ޕާކަކަށްވުން ކަމަށެވެ. އެގޮތުން ޕާކުގައި އެނބުރޭ އުނދޯއްޔެއް ހުރިއިރު، މިއީ ރާއްޖޭގައި ކާނިވާ ސަރަހައްދަށްފަހު މިފަދަ އުނބުރޭ އުނދޯއްޔެއް ބެހެއްޓި ފުރަތަމަ ފަހަރެވެ. މި އުނދޯއްޔަށް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އެރޭއިރު މި އުނދޯލި ފަރުމާކޮށްފައިވަނީ، ތ. ހިރިލަންދޫ ރައްޔިތުންނެވެ.

"މިއީ އޮޓަމެޓިކް ވީލްއެއް. މިއަށް ކުޑަކުދިންނަށްވެސް އަދި ބޮޑެތި މީހުންނަށްވެސް އެރޭނެ. މީގެ އިތުރުން ފެންއަރުވާ ވަޑާމަކާއި ފުޓްސެލް ދަނޑެއްވެސް އެބަހުރި. މިތަނުގައި މެއިންޓަނަންސްއަށް ވެސް 2 މުއައްޒަފުންވެސް ވަނީ ނަގާފައި" މުހައްމަދު ޖަލާލް ވިދާޅުވިއެވެ.

"ހަނދޭކަލަ"ގެ ނަން މި ޕާކަށް ކިޔުނުގޮތާއި ގުޅޭގޮތުން މުހައްމަދު ޖަލާލް ވިދާޅުވީ، މި ނަމަކީ ހަނދުދައްކައިގެން ކުޑަކުދިން ލޮއްސުވަން ކިޔާ ނަމަކަށް ވުމުން އެނަން ކިޔާފައި ވަނީ ކަމަށެވެ. "ހަނދޭކަލަ" ޕާކް އާންމުންނަށް ހުޅުވާލާފައިވާއިރު، މި ޕާކްގެ ފުރިހަމަކަން އެންމެ ބޮޑަށް ފެނިގެންދަނީ ރޭގަނޑުގެ ވަގުތުގައި ޕާކް ދިއްލާލުމުންނެވެ. އެގޮތުން މި ޕާކްގެ ފުރިހަމަކަމާއި ގުޅޭގޮތުން ރަށު ރައްޔިތުން ވަނީ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކާފައެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް ވަނީ މި ޕާކްއަކީ 2 ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކުރާ ޕާކެއްކަމަށެވެ. އެގޮތުން މި ޕާކުގެ ދެވަނަ ފިޔަވަހި އަންނަ އަހަރުގެ ކުރީކޮޅު ފަށަން ނިންމާފައި ވާއިރު، މި ފިޔަވަހީގައި އުމުރުން ދުވަސްވީ މީހުން މަޑުކޮށްލުމަށް ޚާއްސަ މައިޒާނަކާއި ސްކޭޓް ޕާކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

ޖަމްޕިންގް ބެލް

ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްހިރިލަންދޫ ކައުންސިލް ރައީސް އަކީ ހަމަ ހީރޯއެއް