ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުތައް ހިފަހައްޓަން އެދުނު މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އެދި އަމުރެއް ނެރެން އެދިފައިވާތީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ އަމުރު ބާޠިލުކޮށް އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު ވަނީ މި މައްސަލައިގެ ބެންޗް ބަދަލުވެފައިވުމުން ޢިޖުރާޢަތްތައް ފުރިހަމަކުރުމަށް އަޑުއެހުމެއް ބާއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ އެކައުންޓަކުން ކުރި މުޢާމަލާތަކާއި ގުޅިގެން ތުހުމަތުކުރެވުނު ފައިސާގެ މިންވަރު ޔަގީންކުރެވިފައިވަނިކޮށް މުޅި މިލްކިއްޔާތުގައި ހުރި ފައިސާ ފްރީޒްކުރަން އެދި އަމުރެއް ނެރެން އެދިފައިވާތީ މިމައްސަލަބައްލަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ފުލުހުންނާއި ދައުލަތަށް ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޙުޞްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

މިއަދުގެ އަޑުއެހުމުގައި މިމައްސަލާގައި ދަޢުލަތާއި މައްސަލަ ރައްދުވާ ފާރާތުން އިސްތުއުނާފާއިގުޅޭ ނުކުތާތައް ހާމަކުރެއްވުމުން މައްސަލަބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދުވަނީ ދަޢުލަތަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދު ވަނީ ވަކި މުޢާމަލާތަކާއި ގުޅިގެން ކުރެވުނު ތުހުމަތުތަކަކާއި ގުޅިގެން އަމުރެއް ނެރުމަށް މައްސަލަ ހުށައަޅާފައިވާއިރު އެއަމުރުގައި ގިނަ އެކައުންޓަތަކެއްގެ ވާހަކަ އިސްފައިވަނީ ކީއްވެގެންތޯ ސުވާލުއުފައްދަވާފައެވެ.

މިސުވާލާއި ގުޅިގެން ދަޢުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލަ ފުލުހުން އިތުރަށް ބެލުމުން އިތުރު އެކައުންޓްތަކެއް ރައީސް ޔާމީނުގެ ނަމުގައި ހުޅުވާފައިވާކަމާއި އޭގެ ތެރެއިން އެކައުންޓަކަށް އެމްއެމްޕީއާރުސީން ކުއްޔަށްދިން ރަށަކާ ގުޅުންހުރި ފައިސާ ޖަމާކޮށް އެހެން 3 އެކައުންޓަކަށް މަންފާހޯދުމަށް އިންވެސްޓްކޮށްފައިވާކަން ފާހަގަކުރެވުނުކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޙުސްނުއްސުޢޫދުވަނީ ދައުލަތުގެ ވަކީލުންނާއި އަދި މިމައްސަލަ ތަޙްޤީގުކުރި އިންވެސްޓިގޭޝަން އޮފިސަރުންނާއިވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަރީއަތާއި ހިއްސާކުރެއްވި މައުލޫމާތުން ހިފަހައްޓަން ބޭނުންވާ ފައިސާ ނުވަތަ ދައުލަތަށް ލިބެނެޖެހޭކަމަށް ތުހުމަތުކުރެވިފައިސާއަކީ އެއް މިލިއަން ޑޮލަރުކަން ޔަގީންވެފައިވާއިރު އެއަށްވުރެ ބޮޑު އަދަދެއް ފްރީޒްކުރަން އެދުނީ ކީއްވެތޯވެސް ފަނޑިޔާރު ޙުސްނުއްސޫޢޫދު ސުވާލު އުފެއްދެވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ އަމުރަކަށް އެދުނީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމަށްކަމަށެވެ. އަދި ކުރިން އަމުރަކަށް އެދުނުއިރު އެމައުލޫމާތުތައް ތަޙްޤީގަށް ލިބިފައިނުވާކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއްކަމަށާއި އަދި 1993 ވަނަ އަހަރުން ފެށިގެން ގެ ކުއްޔަށްދީގެން ފައިސާލިބޭކަމާއި ލިބޭ ޢާމްދަނީ ފުލުހުންގެ ތަޙްޤީގަށް ސާބިތުކޮށްދީފައިވާނެކަމަށެވެ. އަދި ހަމައެކަނި މުސާރައަކީ ލިބޭ އާމްދަނީކަމަށްބަލައި އާމްދަނީއާ ނުބައްދަލު ފައިސާކަމަށްބުނެ އެކަންޓުތައް ހިފެހެއްޓުމަކީ އިންސާފުކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަށް ނިންމަވާލައްވަމުން ފަނޑިޔާރު ޙުސްނުއްޞުޢޫދު ވަނީ މިމައްސަލައާ ގުޅޭ އެސްޓީއާރާއި އެނޫންވެސް ބޭނުންވާ ލިޔެކިއުންތައް މައްސަލަ ރައްދުވާ ފަރާތައް ފޯރުކޮށްދެއްވުމަށް އަންގަވާފައެވެ.

ފަނޑިޔާރު ހުއްނުއްސުޢޫދު ވަނީ އިތުރު ޝަރީޢަތުގެ މަޖިލީހެއްބާވާނެކަންވެސް ހާމަކުރައްވާފައެވެ. އަދި މީހެއްގެ މުޅި މިލްކިއްޔާތު ފްރީޒްކުރުމުގެ ޢަމުރަށް އެދުނުއިރު ދައުލަތަށް ލިބެންޖެހޭކަމަށް ޔަޤީންކުރެވިފައިވާ ފައިސާގެ މިންވަރާއި އެއީ ދައުލަތަށް ކޮންގޮތަކަށް ކިހާ މިންވަރަކަށް ލިބެންޖެހޭ ފައިސާކަން ނުވަތަ އެކަން ބިނާކުރި ހެކިތަކާއި ސަބަބުތައް ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށްދިނުމަށްވެސް ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ފުލުހުންގެ ކިބައި އެދިވަޑައިގެންފައެވެ.