ވިޔަފާރި

ގެސްޓްހައުސް މެއިންޓަނެންސްއަށް ޙާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރަނީ


ގެސްޓްހައުސް މެއިންޓަނެންސްއަށް ޙާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ޒޫމް މެދުވެރިކޮށް އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ގެސްޓްހައުސްތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއާ ހިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ އެ މިނިސްޓްރީން ގެސްޓްހައުސްތަކަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އިތުރު ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޕެކޭޖްތަކަކީ ގެސްޓްހައުސްތަކުގެ މެއިންޓޭނަންސްއަށް ޙާއްސަކޮށްގެން ނެރޭ ޕެކޭޖްތަކެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ޔޫޓިލިޓީ ބިލްތައް ދެއްކުމާއި ޓެކްސް ދެއްކުމުގައި ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް މިނިސްޓްރީން މަސައްކަތްކޮށްދެއްވާނެކަމަށް ބައްދަލުވުމުގައި ވިދާޅުވެފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ ރަށްރަށުގެ ކައުންސިލްތަކާއި ގެސްޓަހައުސްތައް އަދި އެރަށެއްގެ ޓޫރިޒަމް ތަމްސީލްކުރާ ޖަމިއްޔާތައް ގުޅިގެން ގެސްޓްހައުސްތައް ހުޅުވުމުގެ އެންމެހާ ކަންކަން ޓޫރިޒަމް މިނިސްޓްރިއާއި ގުޅިގެން ކުރިއަށްގެންދެވޭނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ފަތުރުވެރިކަމުގައި އެހެން ޤައުމުތަކަށް ރާއްޖެ ނަމޫނާ ދެއްކުމަށް އެދިވަޑައިގެންފައެވެ. އަދި ގެސްޓްހައުސްތަކުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން އަރުވާފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވިދާޅުވެއެވެ.