ވިޔަފާރި

އޮންލައިން ޓްރޭޑިންގ މުއާމަލާތްތަކުގެ ސަބަބުން ބީއެމްއެލްއިން ބޭރަށްދާ ޑޮލަރު އިތުރުވޭ- ޓިމް ސޯޔަރ


އޮންލައިން ޓްރޭޑިންގ މުއާމަލާތްތަކުގެ ސަބަބުން ބީއެމްއެލްއިން ބޭރަށްދާ ޑޮލަރު އިތުރުވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް މިހެން ވިދާޅުވީ، ރާއްޖޭން ބޭރުން އަންނަ ފައިސާ، ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސްއިން ހުއްޓާލި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. ޒޫމް މެދުވެރިކޮށް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ 'ވިސާ ޑައިރެކްޓް' އަދި 'މާސްޓަރކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލައި ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރުމަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައިކަމަށް ޓިމް ވިދާޅުވެއެވެ.

ޓިމް ވިދާޅުވީ، މި ގޮތަށް އެތައް ހާސް ޑޮލަރެއް ބޭރަށްދިއުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރު މިންވަރު ދަށްވެ، ޓީޓީފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށެވެ. އެހެން ކަމުން މިފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި، އަދި މުހިންމު ބޭނުންތަކަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅުނު ފިޔަވަޅެއްކަން ޓިމް ވަނީ ފާހަގަކުރައްވާފައެވެ.

"ބައެއް ކަސްޓަމަރުން (ގާތްގަނޑަކަށް 350 އަށް ވުރެ މަދު) ބޭރުން ލިބޭ ފައިސާ ނުވަތަ އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމްތަކުންނާއި ޑިޖިޓަލް ވޮލެޓްތަކުން ނަގަން ބޭނުންވާ ފައިސާ ޑޮލަރު އެކައުންޓްތަކަށް ބޭންކުން މީގެ ކުރިން އައި ޖަމާކޮށްދެމުން. މީގެ ތެރެއިން ގިނަ ފަރާތްތަކުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ވޮލެޓްތަކަށް 15.42 ރުފިޔާގެ ރޭޓުގައި ޑޮަލަރު ޓޮޕްއަޕްކޮށް އަދި ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓްތަކަށް ފައިސާ ނެގޭ. މި ގޮތަށް ޑޮލަރު ލިބުމާއެކު މިފަރާތްތަކުން އެކައުންޓްގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ. މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މިދައްކަނީ ރުފިޔާއިން ކަމަށްވާއިރު މި ދެންނެވި ގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ." ޓިމް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން މަޑުޖެހި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 80 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާތީ، ރާއްޖެއަށް އެތެރެވާ ޔޫއެސް ޑޮލަރުގެ އަދަދު މިވަނީ އިންތިހާއަށް ދަށްވެފައެވެ. އެހެންކަމުން ބެންކުން ދަނީ އެންމެ އަސާސީ ކަންކަމަށް އިސްކަންދީގެން ޑޮލަރު ދޫކުރަމުންނެވެ.