ވިޔަފާރި

ލޮންޑައުންއަށްފަހު އެންމެ ގިނަ ބައެއް ގޫގުލްއިން ހޯދި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


ކޯވިޑްގެ ލޮކްޑައުންއަށްފަހު އެންމެ ގިނަ ބައެއް ގޫގުލްއިން ހޯދި މަންޒިލްތަކުގެ ރާއްޖެ ހިމެނިއްޖެއެވެ.

ރާއްޖެ މިލިސްޓުގައި ހިމެނުނުކަން ހާމަކޮށްފައިވަނީ އޮންލައިންކޮށް ވިސާ އެޕްލިކޭޝަނާއި އެހެނިހެން ހިދުމްތައް ފޯރުކޮށްދޭ ފަރާތެއްކަމަށްވާ އޮފިޝަލް-އެސްޓާއިން "ގޫގުލް ކީވޯޑް ޕްްލޭނާ" ބޭނުންކޮށްގެން ކުރި ދިރާސާއަކުންނެވެ.

ބައިނަލްއަޤްވަމީ ފެންވަރުގައި ކުރިއަށްގެންދިޔަ މިދިރާސާއިން ދައްކާގޮތުން ލޮކްޑައުންއަށްފަހު އެންމެ ގިނައިން މީހުން ގޫގުލް އިން ހޯދި ދިހަ މަންޒިލްގެ ލިސްޓުގެ 2 ވަނައިގައި އޮތީ ރާއްޖެއެވެ. މިގޮތުން ރާއްޖޭގެ މަޢުލޫމާތު 1.8 މިލިއަން ފަހަރު ގޫގުލް މެދުވެރިކޮށް މީހުން ހޯދާފައިވާކަމަށް ދިރާސާއިން ދައްކައެވެ.

މިދިރާސާއިން ދައްކާގޮތުން ރާއްޖެ މަންޒިލެއްގެ ގޮތުން ސާރޗްކުރުުގެ އިތުރުން ގިނަ ބަޔަކު ވަނީ ރާއްޖެއަށް އަންނަ ފްލައިޓްތަކާއި، ވަކިވަކި ޕެކޭޖުތަކާބެހޭ މަޢުލޫމާތުވެސް ހޯދާފައެވެ.

ލިސްޓުގެ 1 ވަނައިގައި އެންމެ ގިނަ މީހުން ގޫގުލް މެދުވެރިކޮށް ހޯދި މަންޒިލެއްގެ ގޮތުގައި ހިމެނިފައި އޮތީ އިޓަލީއެވެ. އެކި ފަރާތްތަކުން އިޓަލީ 1.94 މިލިއަން ފަހަރު ސާރޗްކޮށްފައިވެއެވެ. ދެވަނައިގައި ރާއްޖެ އޮތްއިރު، މިލިސްޓުގެ 3 ވަނައިގައި އޮތީ 1.7 ފަހަރު މީހުން ސާޗްކުރި މެކްސިކޯއެވެ. މިލިސްޓުގައި ހިމެނޭ އެހެން ޤައުމުތަކުގެ ތެރޭގައި ތައިލެންޑް، ސްޕެއިން އަދި ކެނެޑާވެސް ހިމެނެއެވެ.

މީގެ ކުރިންވެސް ޔޫރަޕާއި، އެމެރިކާ އަދި މެދުއިރުމަތީގެ ފަތުރުވެރިކަމާބެހޭ އެކި އިދާރާތަކާއި، އޮންލައިން ވެބްސައިޓްތަކުން ކުރިއަށްގެންދިޔަ މިފަދަ ބައެއް ދިރާސާތަކުން ރާއްޖެ ވަނީ ކޯވިޑްއަށްފަހު އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ މަންޒިލްގެ ގޮތުގައި ފާހަގަވެފައެވެ.