އަތޮޅުތައް

މ ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި


މ.އަތޮޅު ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން އެރަށުގެ ދެކުނު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އަދީބު ވިދާޅުވީ ގިރާ ސަރަހައްދު ސަލާމަތް ކުރުމުގެ ގޮތުން އެ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ކޮންކުރީޓް ވަޅުބުރިތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި ވަޅުބުރިތައް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކުގައިކަމަށް މުހައްމަދު އަދީބު ވިދާޅުވިއެވެ. ގާތްގަނޑަކަށް 2000 ފޫޓު ދުރުމިނަށް ރަށުތެރެއަށް ލޮނުގަނޑު އަރާކަމަށާއި މި ސަރަހައްދުގެ ފެން ވެސް މިހާރު ލޮނުވެފައިވާކަމަށް މުހައްމަދު އަދީބް ވިދާޅުވިއެވެ.ރަށުގެ ގިރާފައިވާ ސަރަހައްދުން ގާތްގަޑަކަށް 3000 ހެއްހާ ގަސް ނެތި ގޮސްފައިވާކަމަށް ވެސް މުހައްމަދު އަދީބު ވިދާޅުވިއެވެ.ގިރާ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމުގެ ހުއްދަ އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާކަމަށް ވެސް އެރަށުން މައުލޫމާތުދެއެވެ. އަދި އެރަށު ދެކުނު ކޮޅު ސަރަހައްދު ކޯރެއްގޮތައް ކަނޑައިގެންގޮސް މޫދާއި 300 ފޫޓް ދުރުގައި ހުރި ކުޅިޔަކާއި ގުޅި ފައިވާކަމަށް އަދީބު ވިދާޅުވިއެވެ."މި ކުޅިއަކީ ކުރިން މޫދާ 300 ފޫޓް ދުރުގައި ހުރިތަނެއް. މިހާރު މިތަނުގައި އެކި ބާވަތްތަކުގެ މަސްވެސް އުޅެމުންގެންދޭ" މުހައްމަދު އަދީބު ވިދާޅުވިއެވެ.މީގެ އިތުރުން އަދީބު ވިދާޅުވީ އެސަރަހައްދު ގިރަން ދިމާވި މައިގަނޑު ސަބަބެއްކަމުގައި ލަފާކުރެވެނީ ކުރިން ލާފައިވާ ތޮށިގަނޑު ހަލާކުވެފައިވުމުގެ ސަބަބުންކަމަށެވެ.