ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކޮށްފި


ވިޔަފާރި ފުޅާކުރުމާ ގުޅޭ އެއްބަސްވުމެއްގައި އިނގިރޭސިވިލާތާއި ޖަޕާނުން ސޮއިކޮށްފިއެވެ.

އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ޤާއިމްކުރި "ޔޫކޭ ޖަޕާން ކޮމްޕްރެހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރިމަންޓް" އަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު ޤާއިމްކުރާ ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުމެވެ.

އިނގިރޭސިވިލާތާއި ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ދެ ޤައުމުން ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި 15 ބިލިއަން ޕައުންޑަށް އިތުރުވެގެންދާނެކަމަށެވެ.

އިނގިރޭސިވިލާތުގެ އިންޓަރނޭޝަނަލް ޓްރޭޑް ސެކްރެޓަރީ ލިޒް ޓްރަސް ވިދާޅުވީ ޖަޕާނާއެކު ޤާއިމްކުރި އެއްބަސްވުމަކީ ތާރީޚީ އަދި މުހިއްމު އެއްބަސްވުމެއްކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން މެނުފެކްޗަރިންގ، ކާބޯތަކެތީގެ ވިޔަފާރި އަދި ޓެކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މީގެއިތުރުން މިއެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތުން ޖަޕާނަށް އެކްސްޕޯޓްކުރާ 99 އިންސައްތަ މުދަލުން ނަގާ ޓެރިފްވެސް ނެގުން ހުއްޓާލާނެކަމަށް އިނގިރޭސިވިލާތުގެ އިންޓަރނޭޝަނަލް ޓްރޭޑް ސެކްރެޓަރީ ލިޒް ޓްރަސް ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުގައި އިންވެސްޓްކޮށްގެން އުޅޭ ޖަޕާނުގެ ކުންފުނިތައްކަމަށްވާ ނިސާންއާއި ހިޓާޗީ ފަދަ ކުންފުނިތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެކުންފުނިތަކުގެ މަސައްކަތްތަކަށް ޖަޕާނުން އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްއާއި އެހެނިހެން ޓެކްސްތައް އުނިވެގެންދާނެއެވެ.

ޖަޕާނާއެކު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ބޮޑެތި ވިޔަފާރިވެރިންވެސް ތާޢީދުކުރަމުންދާއިރު، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ އީޔޫއިން ވަކިވުމުގެ ސަބަބުން މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމުގެ މިނިވަންކަން އިނގިރޭސިވިލާތަށް ލިބިފައިވާކަމަށެވެ.

އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީނަމަވެސް، މިއެއްބަސްވުމަށް ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ބޭނުންވާނެއެވެ. ޖަޕާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަންނަ ޖެނުއަރީމަހުގެ ތެރޭގައި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުން މިއެއްބަސްވުމަށް ރުހުންދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ޤާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމެރިކާއާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުން ދަނީ ކުރަމުންނެވެ.