ޚަބަރު

މިއަދު 90 މީހުން ޕޮޒިޓިވްވެ، ޖުމުލަ އަދަދު 9000 އާއި ގާތަށް


އިތުރު 90 މީހަކަށް ބަލިޖެހި، ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ނުވަހާހާއި ގާތްކޮށްފިއެވެ.

އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން 8990 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބުރާސްފަތު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 90 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 78 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 12 މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 90 މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 32 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8990 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 287 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 6846 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 31 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2107 ދަަށްވެފައި ވާއިރު، 951 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 120 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ރީޖަނަލް ކޯވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ބ. އޭދަފުށީ ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލި ކޯވިޑް ފެސިލިޓީގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1286 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 127961 (އެއްލައްކަ ހަތާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް އެކެއް) އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 28 ރަށަކުންނާއި، 25 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 13 ފަތުރުވެރިއަކާއި، 42 ރިސޯޓް މުވައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 92 ދިވެއްސަކަށާއި، 8 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.