މާބަނޑު އަންހެނެއްގެ ބަނޑުން ބައިކިލޯއަށްވުރެ ބަރު ސިސްޓެއް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ނަގައިފިއެވެ. މި އޮޕަރޭޝަނަށްފަހު އެ އަންހެން މީހާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު ސަޢީދު ވިދާޅުވީ ބަނޑަށް ހަ ހަފްތާވީ އެ އަންހެން މީހާ އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގޮސްފައިވަނީ ބަނޑުގައި ވަރަށް ގަދައަށް ރިއްސާތީކަމަށެވެ. އަދި އޭނާގެ އޯވަރީގައި 14 އިންޗީގެ ސިސްޓެއް ހުރިކަން އެނގުނީ ހޮސްޕިޓަލުން ހެދި ސްކޭނަކުން ކަމަށެވެ. އަދި ވަގުތުން އެ ސަރޖަރީ ކުރަން ޖެހުނީ އެއީ މާބަނޑު މީހަކަށް ވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިން މިފަދަ ސަރޖަރީތައް ކުރުމަށް ބަލި މީހުން މާލެއަށް ފޮނުވި ނަމަވެސް ކޯވިޑް-19ގެ ނުރައްކާ ބޮޑު މި ދަނޑިވަޅުގައި ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމެއްކަމަށް ނުފެންނާތީ އެ ހޮސްޕިޓަލުން ސަރޖަރީ ހަދަން ނިންމީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އިމަރިޖެންސީކޮށް އެ ސަރޖަރީކޮށްފައިވަނީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަންގާރަ ދުވަހު ހެދި މިސަރޖަރީގައި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓުގެ ދިގުމިނުގައި 17 ސެންޓިމީޓަރު އަދި ފުޅާމިނުގައި 12 ސެންޓިމީޓަރު ހުރިއިރު، މިއޯވަރިއަން ސިސްޓުގެ ބަރުދަނުގައި 885 ގްރާމް ހުރިކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
މިސަރޖަރީއާއެކު ހޮސްޕިޓަލުންވަނީ އިތުރު ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ. ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަޙްމަދު ސަޢީދު ކުރިން މިފަދަ ސިސްޓްތަކުގެ ޓިޝޫތައް ޢާއްމުކޮށް މާލެއަށް ފޮނުވައިގެން ބަޔޮޕްސީ ހެދުމަށް އާއިލާއިން ޚަރަދު ކުރަން ޖެހުނު ނަމަވެސް މިހާރު އެ ހޮސްޕިޓަލުން ޕޯސްޓްގެ ޒަރިއްޔާއިން އައިޖީއެމްއެޗަށް މިފަދަ ޓިޝޫތައް ފޮނުވައިގެން ތަހުލީލުތައް ހެދުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. ސިސްޓްތަކުގެ ބަޔޮޕްސީ ހަދަނީ މިފަދަ ސިސްޓްތަކުގެ ސަބަބުން އިތުރު ނުރައްކާތެރި ބައްޔެއް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ޚިދުމަތްދޭ ގޮތްކަށް ބަދަލުތަކެއް ގެނެސްފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން އެ ހޮސްޕިޓަލުން ނުލިބޭ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އޮންލައިންކޮށް ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލްގެ ލެބޯޓަރީން ނުހެދޭ ޓެސްޓުތައް ހެދުމަށްޓަކައި ސާމްޕަލްތައް އައިޖީއެމްޗަށް ފޮނުވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.