ޚަބަރު

ކޮވިޑް-19 : ދުބާއީ ކުންފުނިން ފަހުން ފޮނުވި 10 ވެންޓިލޭޓަރު ރަނގަޅު - ހެލްތް މިނިސްޓްރީ


ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ދުބާއީ ކުންފުނިން ފަހުން ފޮނުވި 10 ވެންޓިލޭޓަރަކީ ރާއްޖެއިން އޯޑަރުދިން ފީޗަރސްތައް ހިމެނޭ ވެންޓިލޭޓަރުތަކެއްކަމަށް ހެލްތް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއަށް އޯޑަރު ދީފައިވަނީ މިއަރުގެ މާޗްމަހުއެވެ. ނަމަވެސް އެ ކުންފުނިން ފޮނުވީ 10 ވެންޓިލޭޓަރެވެ. މި 10 ވެންޓިލޭޓަރަކީ ރާއްޖެއިން ބޭނުންވި ފީޗަރސްތައް ހިމަނާފައިވާ ވެންޓިލޭޓަރަށްނުވާތީ އެތަކެތި ބޭނުން ނުކުރެވުނުކަމަށް ހެލްތް މިނިސްޓްރީން މީގެކުރިންވަނީ ހާމަކުރައްވާފައެވެ.

އަދި އަލުން ފޮނުވި 10 ވެންޓިލޭޓަރަކީ ބޭނުން ނުކުރެވުނު ވެންޓިލޭޓަރުގެ ބަދަލުގައި ފޮނުވި ވެންޓިލޭޓަރުތަކެކެވެ. މިތަކެތި ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މިފަހަރު ފޮނުވާފައިވާ 10 ވެންޓިލޭޓަރަކީ ރާއްޖެއިން އޯޑަރުކުރި ފީޗަރސްތައް ހިމެނޭ ވެންޓިލޭޓަރުތައްކަމަށެވެ. އަދި މި މެޝިންތައް މިހާރު ޓެސްޓްވެސް ކޮށްފައިވާކަމަށާ، އޭގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ވެންޓިލޭޓަރުތަށް ބޭނުންކުރާނީ ކޮން ފެސިލިޓީތަކެއްގައިކަމެއް ތަސްލީމާ ވިދާޅުވެފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ވޭންޓިލޭޓަރު އެއްފަހަރާ ގެނައުމަށް ހެލްތް މިނިސްޓްރީން އޯޑަރުދީފައިވަނީ، ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެދާނެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީއާ އަތޮޅުތަކުގައިވެސްވަނީ، ވެންޓިލޭޓަރުގެ ޚިދުމަތާއެކު ކޯވިޑް ފެސިލިޓީތަށް ޤާއިމުކޮށްފައެވެ.

75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަށް އޯޑަރުދީފައިވަނީ މާޗްމަހުއެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ %90 ފައިސާ ސަރުކާވަނީ ދައްކާފައެވެ. އެއީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ނަމަވެސް މި ފައިސާގެ މުޢާމަލާތް ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ގެރެންޓީއަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައިވަނީ ހާމަކޮށްފައެވެ. މިކަމާގުޅިގެން އިތުރު ތަޙުޤީޤުތައް ހިންގުމުގެ މަސައްކަތް އޮޑިޓަރ ނެޖެރަލާއި އޭސީސީ ގުޅިގެންދަނީ ކުރަމުންނެވެ.