ޚަބަރު

ކޯވިޑް-19 : ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ


ކޯވިޑް-19ގެ ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ އެ އެޖެންސީގެ ސަމާލުކަމަށް މިކަން އައިސް، މިހާރު މި މައްސަލަ ފުލުހަށް ހުށައަޅާފައިވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ޖިންސީ ގޯނާ ލިބުނު މިހާހުރީ މާލެ ސަރަޙައްދުގެ އައިސޮލޭޝަން ފެސިލިޓީއެއްގައިކަމަށެވެ.

މަޢޫލޫމާތު ލިބިފައިވާގޮތުގައި ޖިންސީ ގޯނާ ލިބިފައިވަނީ އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި އުމުރުން 26އަހަރުގެ އަންހެނަކަށެވެ. މި އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާ އައިސޮލޭޓްކޮށްފައި ހުރި ތަނުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ހާދިސާ ހިންގާފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނޫންކަމަށެވެ.
ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ. މީގެކުރިންވެސް ފެސިލިޓީއެއްގައި ހުރި މީހަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލާފައިވެއެވެ.