ޚަބަރު

ކޯވިޑް-19 : ހޯނޑެއްދޫއިން އިތުރު 10 މީހުން ޕޮޒިޓިވް، އެއް ކްލަސްޓަރގެ 31 މީހުން


ގދ.ހޯނޑެއްދުއިން އިތުރު 10 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެރަށުގައި މިވަގުތު ބައްޔަށް ޕޮސިޓިވްވެފައިވާ 35 މީހުން އެބަތިއްބެވެ. ހޯމަ ދުވަހާއި ހަމައަށް އެރަށުން ޕޮޒިޓިވް ވެފައި ވަނީ 25 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ، 5 އަންހެނުންނާއި 5 ފިރިހެނުންނެވެ. މީގެތެރޭގައި އުމުރުން 80 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 8 މީހުންނަކީ، 4 ސެޕްޓެމްބަރުގައި އެރަށުން ޕޮސިޓިވްވި 2 މީހުންނާއި ސީދާ ދިމާވި 8 މީހުންނެވެ. އަދި 2 މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުންނެވެ.

ގދ.ހޯނޑެއްދުއަކީ މިވަގުތު ރާއްޖޭގައި މާލެ ފިޔަވައި އަތޮޅުތަކުގެ ރަށެއްގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތައް އެންމެ ގިނަ ރަށެވެ. އެ ރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި 35 މީހުންގެ ތެރެއިން 31 މީހުންނަކީ އެއް ކްލަސްޓަރާއަކަށް ނިސްބަތްވާ މީހުންނެވެ. އެރަށުން ގިނަ ކޭސްތަކެއް ފެންނަންފެށީ، ޕޮޒިޓިވް އެހެން ކޭސްއަކާއި ގުޅުން ނެތް ދެމީހުން ފެނުމާއި ގުޅިގެން ހެދި ރެންޑަމް ޓެސްޓްތަކުންނެވެ.

މި ކޭސްތަކާއި ގުޅިގެން އެރަށުން މިއަދު އިތުރު 140 އަށްވުރެ ގިނަ ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް މާލެ ގެނެސްފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވީ، އެރަށުން ފަހުން ފެނިފައިވާ ހުރިހާ ކޭސްތަކަކީ އެއް ކްލަސްޓަރއަކަށް ނިސްބަތްވާ ކޭސްތައްކަމަށްވާތީ، އެރަށުގައި މުޖުތަމަޢުގެތެރޭގައި ބަލިފެތުރޭކަމަށް ނިންމާފައި ނުވާކަމަށެވެ. މިހާރު ކުރިއަށްދަނީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި 2 މީހުންނަށް ބަލި ޖެހުނު ގޮތް ނުވަތަ ސޯސް ދެނެގަތުމުގެ މަސައްކަތެކެވެ.

ގިނަ އަދަދެއްގެ ކޯވިޑް ކޭސް ފެނުމާއި ގުޅިގެން ހޯނޑެއްދުއާއި، އެރަށާއި ކޯސްވޭއަކުން ގުޅާލާފައިވާ މަޑަވެލިވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި ދެ ރަށުންވެސްދަނީ ސާމްޕަލް ނަގަމުންނެވެ. ނަމަވެސް މިހާތަނަށް މަޑަވެލިން ކޯވިޑް ކޭސްއެއް ފެނިފައެއް ނުވެއެވެ.