ޚަބަރު

ކޯވިޑް-19 : ހޭލުންތެރިކުރުވަން މިފަހަރު "ކޮމިކް" ސިލްސިލާއެއް


ކޯވިޑް-19އަކީ ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށްވެސް ކުރިމަތިވި އެންމެ ބޮޑު ސިއްޙީ ކާރިޘާއެވެ. ޢާއްމު ރޯގާއެއް ފަދައިން ފަސޭހައިން ފެތުރޭ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް އެޅެންއޮތީ މަދު ފިޔަވަޅުތަކެކެވެ.

މާސްކް އެޅުމާއި، ގިނަގިނައިން އަތް ދޮވުމާއި، ގައިދުރުކަމަކީ ފެންނަ ފެނުމަށް ކުދި ފިޔަވަޅުތަކެއް ނަމަވެސް، މި ބަލިމަޑުކަމުން އަރައިގަތުމަށް ރައްކާތެރިކަމުގެ ގޮތުން އެޅޭނެ ހަމައެކަނި ފިޔަވަޅުތައްވެސްމެއެވެ.

ބަލި ފެތުރޭ މިންވަރު ކުޑަކުރުމާއި، ބަލީގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެކި ގޮތްތޮތުން ހޭލުންތެރިކަން އިތުރުކުުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންދަނީ ކުރަމުންނެވެ. އެގޮތުން ޑޮކްޓަރުންނާއި، ސިއްޙީ މާހިރުންގެ އެހީގައި މަޢޫލޫމާތު ފޯރުކޯށްދިނުމާއި، ބެނާތަކާއި ޕޯސްޓަރުތަކުންނާއި، އިންފޯ ގްރެފިކްސް މެދުވެރިކޮށްވެސް މިކަންކަމުގެ ފުރިހަމަ މަޢުލޫމާތު ދަނީ ދެމުންނެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ފޯނުުން ގުޅާއިރު މޯބައިލް ނެޓްވޯކްތައް މެދުވެރިކޮށްވެސް މިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައްދަނީ ޙިއްސާކުރަމުންނެވެ. އަދި ހަމަ މިއާއެކު، ކޯވިޑް-19އިން ރައްކާތެރިވުމާއި، އަދި ކޯވިޑް-19އާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު މެސެޖުގެ ޒަރިއްޔާއިން ފޯނުތަކަށް ފޮނުވައިގެންވެސްދަނީ ދެމުންނެވެ.

ކޯވިޑް-19 ބަލިމަޑުކަމާ ގުޅޭ ފުރިހަމަ މަޢުލޫމާތުތައްވަނީ އަތްފޯރާ ހިސާބަށް ގެނެވިފައެވެ. އެކި ގޮތްގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި މިފަހަރު އަނެއްކާވެސް އެޗްޕީއޭއިން މިވަނީ މުޅިން އައު މަސައްކަތެއް ފަށާފައެވެ. ޢާއްމުކޮށް މަޢުލޫމާތު ފޯރުކޮށްދޭ ގޮތްތަކާއި ތަފާތު ގޮތަކަށެވެ. "ކުޑަ ބަދަލަކުން" ހޭޝް ޓެގްގެދަށުން އެޗްޕީއޭއިންވަނީ ކޮމިކް މެދުވެރިކޮށްވެސް މުހިންމު މެސެޖުތަކެއް ޢާއްމުންނަށް ދޭން ފަށާފައެވެ. މުޅިން އަލަށްފެށި މަސައްކަތުގައި މިހާތަނަށް 2 މަޢުޟޫޢަކަށް ކޮމިކް މެސެޖުވަނީ ނެރެފައެވެ.

"ކުޑަ ބަދަލަކުން" ސީރީޒްގެ ފުރަތަމަ ކޮމިކް ހަދާފައިވަނީ "ދަތުރު؟" މި މަޢުޟޫޢަށެވެ. މި ކޮމިކްގައި ދައްކުވައިދެނީ ރަށްޓެހިންތަކަކާއިއެކު ދަތުރު ދިއުމަށްފަހު އޭގެ ތިން ދުވަސްފަހުން އެއް ރަޙުމަތްތެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވާކަމެވެ. އަދި ދަތުރުގައި ބައިވެރިވި އިތުރު ރައްޓެއްސަކާއި، އޭނާ ދިރިއުޅޭ ގޭގައި އުޅޭ އޭނާގެ މާމަ ބައްޔަށް ޕޮޒިޓިވްވެއެވެ. އަދި އޭނާ ބަލިން ރަނގަޅުވި އިރުވެސް މާމަ، ބަލި އެންދުގައި ޙާލު ސީިއަސްވެ އެޑްމިޓްކޮށްފައިވާ މަންޒަރު ދައްކުވައިދެއެވެ. މި ކޮމިކުން ދީފައިވާ މެސެޖަކީ ތިމާ ބޭރަށްގޮސް އުޅޭ އުޅުމުގެ ސަބަބުން މުޅި އައިލާ އޭގެ ނުރައްކަލަށް ހުށައެޅިގެންދާކަމެވެ.

މި ސިލްސިލާގެ ދެވަނަ ކޮމިކްގައި ދައްކުވައިދެނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް އެކަކު އަނެއްކަކު ގުޅުންބަދަހިކުރުމާއި، އެކަކު އަނެއްކަމަށް ވެވުނު މިންވަރަކުން އެހީވުމުގެ ރީތި އާދައެވެ. އެގޮތުން ގެއިން ބޭރަށް ނުދެވޭ ޙާލަތުގައި ތިބި އަވަށްޓެރިންނަށް ނުވަތަ ރަޙުމަތްތެރިއެއްގެ އެދުމަށް ގެއަށް ބޭނުންވާ ބައެއް ޒަރޫރީ ސާމާނު ގެނެސްދިނުމަށް އެހީވާ މަންޒަރެވެ. ނަމަވެސް މިގޮތަށް އެހީވާއިރުވެސް މާސްކު ބޭނުންކުރުމާއި، ގައިދިރުކަން ބެހެއްޓުމުގެ އާދަތަށް ދެމެހެއްޓުމުގެ މެސެޖުވަނީ ދީފައެވެ.

އެޗްޕީއޭއިން ފެށި މި މަސައްކަތަކީ ކޯވިޑް-19ގެ ނުރައްކާ ކިޔައިދީ، މިކަމަށް މިހާރަށްވުރެ ބޮޑަށް ޢާއްމުން ޙޭލުންތެރިކުރުމަށް ފެށި މަސައްކަތެކެވެ. އަދި ކޮށްލެވޭ ކުޑަ ކަމަކުންވެސް، ބޮޑު ބަދަލެއް ގެނުވަފާނެކަން ބުނެދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.