ޚަބަރު

ކޯވިޑް-19އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި


މާލެ ސަރަހައްދުގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އަތޮޅުތަކުގެ ރަށަކުން ގިނަ ކޭސްތަކެއް ފެނިފައިވާތީ، އެކަމާ ގުޅިގެން އެ ރަށުގައި އަޅަމުންގެންދާ ޚާއްޞަ ފިޔަވަޅުތަކާއި، އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ ދެވޭނެ ފަސޭހަ ގޮތްތަކެއް އަތޮޅުތަކުގައި ހަމަޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ. އަތޮޅުތެރޭގެ އެއްރަށަކުން އެންމެ ގިނަ ކޯވިޑް-19ގެ ކޭސްތައް ފެނިފައިވަނީ ގދ.ހޯނޑެއްދޫއިންނެވެ. އެރަށުގައި ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާތީ އެކަން ހިނގަން މެދުވެރިވި ސަބަބު ސަރުކާރުން އަންނަނީ ތަޙްޤީޤްކުރަމުންނެވެ.

މީގެ އިތުރުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ފަތުރުވެރިންނަށް ފަސޭހައިން ރާއްޖެއަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.