ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މެންބަރުކަމުގެ މަޤާމަށް 3 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ.ޖިއެނާ، މުއުމިނާ ވަޙީދާއި މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.

މި 3 ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީން މާސްޓަރސް އޮފް ކްރިމިނޮލޮޖީ ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އެ ކަމަނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި މުއުމިނާ ވަޙީދަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ.

މީ 3 ބޭފުޅުންގެ ތެރެއިން ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، އެ މަނިކުފާނުގެ ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އެ މަނިކުފާނު ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމުގެ ކުރިން، އެ ބޭފުޅުން ވަނީ ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމަށްފަހު، އެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާ ޙަވާލުކުރައްވާފައެވެ.