ކުޅިވަރު

ހަމޭޒް ރޮޑްރިގޭޒް އެވަޓަންއަށް


ރެއާލްމެޑްރިޑަށް ކުޅެމުންއައި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭޒް ރޮޑްރިގޭޒް އެވަޓަންއާއި ގުޅިއްޖެއެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ އެވަޓަންއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެވަޓަންއިން ބޭނުންވެއްޖެ ނަމަ، އިތުރު އެއް އަހަރަށް ހަމޭސް އެ ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު ލިބެއެވެ. ހަމޭސްގެ ސޮއި އެވަޓަންއިން ހޯދި ނަމަވެސް، އޭނާ ގަތުމަށް ކުރި ޚަރަދު އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ހަމޭސް އެވަޓަންއަށް ބަދަލުވީ 20 މިލިޔަން ޕައުންޑްގެ އަގަކަށެވެ.

ހަމޭސް ރެއާލް މެޑްރިޑާއި ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި 22 ގައެވެ. މޮނާކޯ ދޫކޮށް ރެއަލްމެޑްރިޑާއި ހަމޭސް ގުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވަރލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަޤާމު ޙާސިލްކުރުމަށްފަހުގައެވެ.

ރެއާލްމެޑްރިޑާއެކު ދެ ޗެމްޕިއަންސް ލީގާއި އެއް ލަލީގާ ހަމޭސް ކާމިޔާބުކުރުމަށްފަހު، ލޯނު އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ހަމޭސް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އަދި ބަޔާންގައި ދެ ސީޒަން ހޭދަކޮށްފައިވާއިރު، އެދެސީޒަންގައިވެސް ބަޔާންއާއެކު ޖަރުމަނު ބުންޑެސް ލީގާ ހަމޭސްވަނީ ކާމިޔާބުކޮށްފައެވެ.
އަދި 2019 ވަނަ އަހަރު އެނބުރި ރެއާލް މެޑްރިޑަށް ހަމޭސް އައިސްފައިވާއިރު މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް އޭނާ ކުޅެފައިވަނީ އެންމެ 14 މެޗުގައެވެ. އަދި މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގައި 8 މެޗު ކުޅެފައިވާއިރު، 1 ލަނޑު ހަމޭސް ކާމިޔާބުކޮށްފައިވެއެވެ.

މިދިޔަ ޑިސެމްބަރުގައި އެވަޓަންގެ ކޯޗުކަމާއި ޙަވާލުވި، ކާލޮސް އަންޗެލޯޓީ ކްލަބު އަލުން ތައްޔާރުކުރަމުން އަންނައިރު، ހަމޭސްއަކީ އަންޗެލޯޓީގެ މި ޕްރޮގްރާމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެއިތުރުން ބްރެޒިލްގެ ޤައުމީޓީމަށް ކުޅެމުން އަންނަ ހުނަރުވެރި އަލަން އާއި ވެޓްފޯޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރާންސްގެ ޑޮކޯރޭވެސް މިޕްރޮގްރާމްގައި ހިމެނެއެވެ.

މިއީ އަންޗެލޯޓީ ރޮޑްރިގޭޒް އޭނާގެ ޓީމަށް ގެނައި ތިންވަނަ ފަހަރެވެ. ހަމޭސް ރެއަލްމެޑްރިޑަށް އަދި ބަޔާން މިއުނިކަށް ގެންދިޔައީވެސް އަންޗެލޯޓީގެ ކޯޗުކަމުގެ ދަށުންނެވެ.